މާދަމާ އޮންނަރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ދިވެހިރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއ،ި ވައުޒު ބުނުމުގެ ހުއްދަ ދޫކޮށްފައިވާ އިލްމުވެރިންގެ ތެރެއިން 100 ބޭފުޅުން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރައްވައި ނެރުނު ބަޔާނެއްގައި ބުނެފައި ޑރ. މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވާފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ނަގަހައްޓައި، އުމްރާނީ ގޮތުންނާއި، އިޖުތިމާއީ ގޮތުން، ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި، ތަޖުރިބާގެ ގޮތުން އެންމެ ގާބިލު ހުލުގު ހެޔޮ ކެންޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒުކަމުގައި ފެންނާތީ ކަމަށެވެ.

އޭގެއިތުރުން އިލްމުވެރިން ވަނީ މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ މަސްލަހަތު އިސްކޮށް ގައުމުގެ ސުލްހަމަލަސްކަމާއި، އަމަންއަމާންކަން ރައްކާތެރިކޮށް ހިފަހައްޓައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މުސްލިމުންގެ މެދުގައި ބައިބައިވުމާއި އަދާވަތްތެރިވުމާއި، ނަފުރަތު އުފެއްދުމުގެ އެއްވެސް އަމަލަކަށް ޖާގަނުދިނުމަށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރައްވާފައެވެ.

މުއިއްޒުއަށް ތާއީދު ކުރައްވާ ދީނީ އިލްމުވެރިންގެ ތެރޭގައި ޑރ. ޝަހީމް އަލީ ސައީދު، ޑރ. އަހްމަދު ޒިޔާދު، ޑރ. އަނާރާ ނައީމް، ޑރ. މޫސާ އަންވަރު ހަސަން، ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އަދި ޑރ. އަބްދުﷲ ފާރޫގް އިބްރާހިމް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.