ހައުސިން މިނިސްޓަރުކަމުގައި ހުންނެވި 7 އަހަރުވެސް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުޅުދުއްފުށި ސީޓީއަށް އިހުމާލުވެފައި ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އާތިފް ވިދާޅުވީ ކުޅުދުއްފުށީގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 14،000 ރައްޔިތުން ކަމަށެވެ. އަދި އެ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
2008 ވަނަ އަހަރުގެ ފަހުން އެ ސިޓީއިން ގޯތި ދޫކޮށްފައި ނުވާ ކަމަށާއި 2011 ވަނަ އެމްޑީޕީގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު ބަޣާވާތަކުން ވެރިކަން ވެއްޓުމާ ގުޅިގެން ހުއްޓުނު ކަމަށް އާތިފް ވިދާޅުވިއެވެ. އެގޮތުން ބަލާއިރު މި ސަރުކާރު އައުމާ ހަމައަށް އެ ރޯ ހައުސްތައް ހުރި ގޮތަށް ހުރީ ކަމަށާއި މިިދިޔަ އަހަރު އެ ރޯ ހައުސްތައް ނިންމާ ހަވާލު ކޮށްފައި ވާކަން އާތިފް ފާހަގަ ކުރެއްވިއެވެ،
ކުޅުދުއްފުށީގައި ރައްޔިތުން ބޭނުންވި ގޮތަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެ 400 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި 1000 ހައުސިން ޔުނިޓް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށް އެ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު 7 އަހަރުގައި ހައުސިން މިނިސްޓަރުކަމުގައި ހުންނަވާ ކުޅުދުއްފުއްޓަށް އިހުމާލުވެފައި ވާކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ ވިސްނާ ވިސްނާ ވެސް އޭނާއަށް ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ވިސްނި ވަޑައިނުގެން ކަމަށެވެ. އަދި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ވޯޓު ދިނުމަށް އެދިވަަޑައިގަންނަވަން އޭނާ ލަދު ގަންނަވަން ޖެހޭނެ ކަމަށެވެ.
މީގެ ކުރިީ ސަރުކާރުން ކުޅުދުއްފުށީގައި 4.7 ކިލޯ މީޓަރު މަގުގައި ތާރު އަޅާފައިވީ ނަމަވެސް މިއަދު ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އުފުލަން ޖެހެނީ އެ މަގުތައް ހަދާފައި ހުރި ގޮތުން ކަމަށާއި އެ މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމް ކޮށްފައި ނުވާއިރު ތާރު ކަނޑައި އަލުން ފެން ހިންދާ ނިޒާމް ގާއިމް ކުރަން ޖެހޭކަމަށް އާތިފް ވިދާޅުވިއެވެ. އެއާ ހިލާފަށް މި ސަރުކާރުން 7.5 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ ފެން ހިންދާ ނިޒާމާއި ފަޔާ ހައިޑްރަންޓް ސިސްޓަމާއެކު ޕަމްޕް ބަހައްޓައިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.