އަނޫރާގް ބާސޫ ޑައިރެކްޓްކޮށް ކުޅަދާނަ އެކްޓަރު ކާތިކް އާރްޔަން ލީޑު ރޯލު ކުޅޭ ފިލްމު "އާޝިގީ 3" ގައި ބަތަލާގެ ރޯލު ކުޅޭނީ ކަންޑާނާ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބަަތަލާ އަކަންކުޝާ ޝަރްމާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މޮޑެލިން ދާއިރާގައި ވެސް ކުރިއަރާފައިވާ އަކަންކުޝާ މި ފިލްމަށް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނިއިރު ވޭތުވެދިޔަ ދުވަސްތަކުގައި އަކަންކުޝާ އާ ފިލްމުގެ ޓީމުން އެކި ފަހަރުގެ މަތިން ބައްދަލުކޮށްފައިވާ ކަމަށްވެސް ވާހަކަ ދެކެވުނެވެ. ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައިވާ މި ބަތަލާ މި ފިލްމަށް ސޮއިކޮށްފިނަމަ މި ފިލްމު ވެގެންދާނީ ބަތަލާ އަކަންކުޝާ ބޮލީވުޑަށް ތައާރަފްވާ ފިލްމަށްވެސް މެއެވެ.

އާޝިގީ 3 ކާތިކް އާއެކު އިއުލާންކުރި ނަމަވެސް ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ކޮން ތަރިއެއްކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. ފިލްމު އިއުލާންކުރީއްސުރެ ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ކޮން ތަރިއެއް ކަމާމެދު ބަހުސްކުރެވިގެން ދިޔައެވެ. މި ފިލްމަށް ދީޕިކާ ޕަޑުކޯން، ޝްރައްދާ ކަޕޫރު އަދި ކްރިތީ ސެނަން ހަމަޖެއްސި ކަމަށްވެސް ކުރިން ބުންޏެވެ. އޭގެ ފަހުން މި ފިލްމަށް ސާރާ އަލީ ހާން، ޖެނިފާ ވިންގެޓް އަދި ފާތިމާ ސަނާ ޝެއިހް ވެސް ސޮއިކުރި ކަމަށް ރިޕޯޓްތައް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަނޫރާގް ބޭނުންވަނީ މި ފިލްމު އާ މޫނަކާއެކު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށެވެ. އެހެންކަމުން މި ފިލްމަށް އެންމެ ރަގަޅީ އަކަންކުޝާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އާޝިގީ އަކީ އިންސްޓޯލްމަންޓެކެވެ. މި ފިލްމުގެ އެންމެ ފުރަތަމަ ފިލްމު "އާޝިގީ" ރިލީޒްކުރީ 1990 ގައެވެ. އެ ފިލްމު ޑައިރެކްޓްކުރީ މަހޭޝް ބަޓްއެވެ. ފިލްމުގެ ތަރިންނަކީ ރާހުލް ރޯއީ އަދި އަނޫ އަގަރުވާލެވެ. މި ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް "އާޝިގީ 2" ނުކުތީ 2013 ވަނަ އަހަރުގައެވެ. އެ ފިލްމުގައި ހަރަކާތްތެރިވީ އަދިތްޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.