ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަނާ ގުޅިގެން ވޯޓުލުމުގެ ހައްގު ގެއްލިގެން ދާކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ފުލުހުންގެ މުވައްސަސާ އިން ދޮގުކޮށްފިއެވެ.
މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި އެ މުވައްސަސާއިން ބުނެފައިވަނީ ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓް ލުމުގެ ހައްގު ގެއްލިގެން ދާކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ.
މީގެ އިތުރުން އެ މުވައްސަސާއިން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ، ވަކި ވަކި ފުލުހުން ދާންޖެހޭ ތަންތަން ކުރިއާލާ ކަނޑައެޅި އެ ތަންތަނުގައި އެ ތަންތަނަށް ދާ ފުލުހުން ރީ ރަޖިސްޓަރީ ކުރެވިގެން ފުރިހަމަ އިންތިޒާމް ތަކެއްގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އެހެންކަމުން އޮޕަރޭޝަން ގައި ޑިޕްލޯއި ކޮށްފައިވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެއެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ވަނީ ގާއިމުކޮށްފައެވެ.
މީގެ ކުރިންވެސް ފުލުހުންގެ މުވައްސަސާއިން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާކަމަށެވެ.