"ޕަތާން" ގެ ބޮޑު ކާމިޔާބީއަށް ފަހު ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި މަހު ހަތްވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ "ޖަވާން" ގެ ޓްރެއިލާ އަށް ގިނަ ބަޔަކު ތައުރީފްކުރަމުން އަންނައިރު މި ފިލްމުގައި ޝާހުގެ ގިނަ ލުކްތަކެއް ފެނިގެންދާނެއެވެ. ވަރުގަދަ އެކްޝަން މަންޒަރުތައް ހިމެނޭ މި ފިލްމުގެ ޓްރެއިލާ ތަފާތުވެ، މޮޅުކަމަށް ފާހަގަކުރެވޭއިރު މި ފިލްމުގައި ޝާހް ކުޅޭނީ ޑަބަލް ރޯލެކެވެ. ތަފާތު ތިން ލުކް އަކުން އެކްޓަރު ފެނިގެންދާއިރު ތަލަ މީހެއްގެ ސިފައިގެ އިތުރުން ވަރުގަދަ ސިފައިން ފަހުލަވާނެއްގެ ސިފައިގައި ވެސް އެކްޓަރު ފެނިގެންދާނެއެވެ. އަދި ވަރަށް އާދައިގެ މެދުފަންތީގެ މީހެއްގެ ރޯލުން ވެސް ޝާހު ފެނިގެންދާނެއެވެ.

ތަމަޅަ ޑައިރެކްޓަރު އެޓްލީ ޑައިރެކްޓްކޮށް ޝާހްރުކްގެ އަންހެނުން ގޯރީ ހާން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމަކީ ބޮލީވުޑް އާއި ދެކުނު އިންޑިއާގެ ތަރިން ހިމެނޭ ފިލްމެކެވެ. ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާއިރު ފިލްމުން ފެނިގެންދާނެ ތަރިންނަކީ ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ، އާސްތާ އަގަރްވާލް އަދި ސާނިއާ މަލްހަތްރާއެވެ. ފިލްމުގެ ހާއްސަ ފެނިލުމަކުން ސަންޖޭ ދަތު، ވިޖޭ އަދި ޝާހު އާއެކު ޕަތާން ކުޅުނު ބަތަލާ ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދާނެއެވެ.

ހިންދީގެ އިތުރުން މި ފިލްމު ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނަޑާ ބަހުން ވެސް ގެނެސްދޭން ވަނީ ނިންމާފައެވެ. ބެލެވޭ ގޮތުގައި ފިލްމު "ޖަވާން" ވެގެންދާނީ މިއަހަރު ސިނަމާއަށް އަންނާނެ އެންމެ ވަރުގަދަ އެއް ފިލްމަށެވެ.