ބ. ތުޅާދޫ ބިން ހިއްކާ، އިތުރު ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ބ. ތުޅާދޫއަށް ވަޑައިގެން މިހާރު އެ ރަށުގައި ކުރިއަށް ގެންދާ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، ތުޅާދޫއަށް ބޭނުންވަނީ އެންމެ 100 ހައުސިން ޔުނިޓެއް ނޫން ކަމަށާއި ބިން ވެސް އެކަށީގެންވާ ވަރަކަށް ނެތް ކަމަށެވެ.

މިރަށަށް ތަރައްގީއަށް ބޭނުންވާ ވަރަށް ބިން އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އިތުރު ބިން ހިއްކުމުގެ މަޝްރޫއަކާއެކު ހައުސިން ބޮޑު މަޝްރޫއެއް މިރަށުގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

ގެދޮރުވެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހައްލު ގެނެސްދޭނަން
މުއިއްޒު

މުއިއްޒު ވަނީ 5000 ރުފިޔާގެ ރޭންޖުގައި ހުރި ހައުސިން ޔުނިޓްތަކުގެ އަގުތައް ވެސް ކުޑަވާންޖެހޭ ކަން ފާހަގަކުރައްވާ، އަތޮޅުތެރޭހުރި ހައުސިން މަޝްރޫއުގެ އަގުތައް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން އެއާޕޯޓު ނިންމާ ދެއްވާނެ ކަމަށާއި އިގްތިސާދީ ތަރައްގީއަށްޓަކައި އެއާޕޯޓާ ގުޅިގެން ވަރަށް ބޮޑެތި ކުރިއެރުންތައް އަންނާނެ ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ، ތުޅާދޫ މަގުތައް ޒަމާނީ ފެންވަރަސް ތާރުއަޅައިގެން ހަދައިދެއްވާނެ ކަމަށާއި އަދި ޒުވާނުން ބޭނުންވާފަދަ ރަނގަޅު ފެންވަރު ސްޕޯޓްސް ކޮމްޕްލެކްސްއެއް، އިންޑޯ އަދި އައުޓްޑޯ ކޯޓުތައް ހިމެނޭ ގޮތަށް އަޅުއްވައިދެއްވާނެ ކަމަށެވެ.