ސްޓާޕްލަސް އިން ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "އަނުޕަމާ" އަކީ އެންގެ ގިނަ މީހުން ބަލަމުން އަންނަ ޑްރާމާއެވެ. ހަގީގީ ދިރިއުޅުމާ ގުޅުން ހުރި ގޮތަކަށް މި ޑްރާމާ ގެނެސްދޭއިރު މިހާރު ޑްރާމާ އޮތީ އެންމެ ޝައުގުވެރި ހިސާބުގައެވެ. ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކައިރިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނި ކޮށްގެންނެވެ.

ޑްރާމާގައި މިހާރު ވަނީ ކިހިނެއް؟

އަނުޕަމާގެ ކުރީގެ ފިރިމީހާ ވަންރާޖް އާއި ކާވްޔާ ކައިވެނިކޮށްގެން އުޅުމުގެ ތެރޭގައި ކާވްޔާ ބަނޑުބޮޑުވެއެވެ. ނަމަވެސް އެ ދަރިފުޅަކީ ވަންރާޖްގެ ދަރިއެއް ނޫންކަން ބެލުންތެރިންނަށް މިހާރު ވާނީ އެނގިފައެވެ. ކާވްޔާގެ ބަނޑުގައި އޮތީ އޭނާގެ ކުރީގެ ފިރިމީހާ އަނިރުދްގެ ދަރިއެއްކަން އަނުޕަމާ ގާތު ބުނެއެވެ. އަދި ކާވްޔާ އެ ވާހަކަ އަނުޕަމާ ގާތު ބުނާ އަޑުއަހަން ވަންރާޖް ހުރެއެވެ. ވަންރާޖް އާއި ކާވްޔާގެ ގުޅުން ހީނަރުވެއެވެ. އަދި އަނުޕަމާގެ ދަރިފުޅު ސަމަރް ގެ އަނބިމީހާ ޑިމްޕީ އާއި ވަންރާޖްގެ މަންމަ ލީލާ ނުގުޅެއެވެ. ޑިޕްމީ އާއި ދިމާއަށް އަބަދު އެއްޗެހި ގޮވާއިރު ޑިމްޕީގެ މަގްސަދަކަށް ވަނީ ސަމަރު އެ އާއިލާ އާ ދުރުކުރުމެވެ. ޒުވާބު ގަނޑެއްގެ ތެރެއިން ޑިމްޕީ ފެން އެއްޗެއް ބިންމައްޗަށް ވަރާލައެވެ. އަދި ކާވްޔާ އެތަނުން ކައްސައިލައިގެން ވެއްޓެއެވެ. ވަގުތުން ހޮސްޕިޓަލަށް ކާވްޔާ ގެންދެއެވެ. ވަންރާޖް ވެސް ކާވިޔާ އާއި އޭނާގެ ދަރިފުޅާ މެދު ވަރަށް ކަންބޮޑުވެއެވެ. ނަމަވެސް އެ ދަރިފުޅުގެ ބައްޕަ އަށް ވާކަށް ވަންރާޖް އެއްބަހެއް ނުވެއެވެ. ޑިމްޕީގެ ސަބަބުން ކާވިޔާ އަށް އެހެންވުމުން އޭނާ ވަރަށް ހިތުގައި ޖެހެއެވެ. ޑިމްޕީގެ ސަބަބުން ކާވްޔާ އަށް އެހެން ވުމުން ލީލާ ހުންނަނީ ޑިމްޕީ އާ މާބޮޑަށް ޖައްސާލާފައެވެ.

ޑްރާމާގައި ދެން ވާނީ ކިހިނެއް؟

ކާވްޔާގެ ބަނޑުގައި އޮތް ދަރިއަކީ ވަންރާޖްގެ ދަރިއެއް ނޫންކަން ޑިމްޕީ އަށް ފަޅާއަރައެވެ. އަދި ލީލާގެ އިތުބާރު ހޯދަން އެވާހަކަ ލީލާ ގާތު ބުނެއެވެ. އަނުޕަމާގެ ހަގު އަންހެން ދަރިފުޅު ޕާކީ އާއި އޭނާގެ ފިރިމީހާ އަދިކް އާ ޖެހިގެން އުޅޭ މައްސަލަ އިތުރަށް ބޮޑުވެއެވެ. ޓޮކްސިކް ގުޅުމަކަށް އެގުޅުން ވެފައިވާއިރު ޕާކީ އަށް އެހީތެރިވެދެނީ އަނުޖްގެ ބޭބެ އަންކުޝްގެ ދަރިފުޅު ރޯމިލް އެވެ. ރޯމިލް އާއި ޕާކީ ގެ ރަހުމަތްތެރިކަން ބަދަހިވަމުން ދާއިރު އަދިކް އެކަމާ ހިތްހަމަނުޖެހި ޕާކީ އަށް އަނިޔާކުރެއެވެ.