ރ. ކަނދޮޅުދޫގައި ފާނައަށް ހާއްސަ ފެސިލިޓީއާއެކު ކޯލްޑް ސްޓޯރޭޖެއް ގާއިމު ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފިއެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރ. ދުވާފަރަށް ވަޑައިގެން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދުވާފަރަކީ ފާނަ މަސްވެރިކަން ކުރާ ރަށަކަށް ވުމުން ކަނދޮޅުދޫއަކީ މަސްކިރޭނެ، ފެންވަރު ރަނގަޅު ކޯލްޑް ސްޓޯރޭޖުގެ ނިޒާމު ގާއިމު ކުރެވިފައި ހުރި ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ފާނައިގެ އިތުރު ފެސިލިޓީއާއެކު ކޯލްޑް ސްޓޯރޭޖު ގާއިމު ކޮށްދެއްވާނެ ކަމަށާއި އޭގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްްޒު ވިދާޅުވީ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ސިޔާސަތުތައް ހާމަކުރަމުން ގެންދާއިރު އެންމެ ބޮޑަށް ނަގާ ކޮޅަން ޖަހަން ޖެހިފައިވަނީ މަސްވެރިކަމުގެ ސިނާއަތު ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތު ނަގާ ކޮޅަށް ޖެހުމުގެ އެކި އެކި ސިޔާސަތުތައް ހާމަކުރައްވަމުން ގެންދަވާއިރު ތަރައްގީގެ ކަންކަންވެސް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މިނިސްޓްރީ އެއްކޮށް އޮތް އޮތުން ނިމުމަކަށް ގެނެސް މަސްވެރިކަމަށް ހާއްސަ އަދި ދަނޑުވެރިކަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ. އަދި މިހާރު ދަނޑުވެރިކަމަށް ދޭންޖެހޭ ސަމާލުކަން އެކަށީގެންވާ ގޮތެއްގައި ނުދެވޭ ކަމަށާއި ރާއްޖޭގައި އުފެއްދިދާނެ ބާވަތްތައްވެސް ބޭރުން ގެންނަން ޖެހޭ އިރު ދަނޑުވެރިކަން ހަރުދަނާކުރުމުން އިގްތިސޯދުގައި އެތައް ވަޒީފާ އުފެދިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ދުވާފަރުގެ ހިއްކި ބިމުގައި މަގުތައް ހެދުމާއި ފެނާއި ކަރަންޓާއި ނަރުދަމާ ގާއިމު ކުރައްވާނެ ކަމަށާއި ގެދޮރުވެރިކަމުގެ ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދެއްވާނެ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ވަރަށް ގެދޮރުވެރިކަން އެ ރަށުން ޔަގީންކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ދުވާފަރުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމު ކުރުމާއި ތައުލީމީ ނިޒާމު ހަރުދަމާކޮށް ޖާގައާއި ވަސީލަތް އިތުރުކުރުމާއެކު ކިޔަވަން އެ ރަށަށް ދާ އެހެން ރަށްރަށުގެ ކުދިންނަށް ހާއްސްކޮށް ދަނާލެއް ގާއިމު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ދުވާފަރުގައި ބޭންކުގެ ބްރާންޗަކާއި ސްޕޯޓްސް ކޮންޕްލެކްސް ގާއިމު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.