އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ އެ ގަރާރު ބާތިލު ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

"ދިޔަރެސް"ގެ މުއައްސިސުންގެ ފަރާތުން ހުށަހެޅި އެ ގަރާރު ބާތިލު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެ ގަރާރުގައި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަންގާފައިވާ އެންގުން ތަކަކީ ތަބާވާން ޖެހޭ އެންގުންތަކެއް ނޫން ކަމަށާއި އެ ގަރާރުގައިވާ އަމުރުތަކަށް ތަބާނުވުމަކީ ގާނޫނުއަސާސީގެ 64 މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ބުނެފައިވަނީ ރިޔާސީ ގަރާރަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމުގައި ނުވާތީ އެ މައްސަލައަކީ ހައިކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިފައިވާ މައްސަލައެއް ނޫން ކަމަށެވެ. އެއާއެކު މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓަރާ ނިންމެވި ނިންމެވުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައިވާ ނިންމުމުގައި އެ މައްސަލަ ބެލުމުގެ އިހުތިސޯސް ހައިކޯޓަށް ލިބިފައި ވާކަމަށް ކަނޑައަޅާފައި ވާއިރު، އެ ނިންމުމަކީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބަޔާންކުރި މައިގަނޑު ސަބަބު ނުވަތަ ރޭޝިއޯ ކަމަށެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ މީގެ ކުރިން ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ހަވާލާދެއްވާފައެވެ. އެގޮތުން ހައިކޯޓުން ދުސްތޫރީ މައްސަލައިގެ ގޮތުގައި ބެލޭނީ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ގާނޫނު އަސާސީއާ ހިލާފުވެގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ހުޒައިފާ ވިދާޅުވިއެވެ.

ރިޔާސީ ގަރާރާއި ގުޅޭ ދުސްތޫރީ މައްސަލަ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ނުބެލޭނެ ކަމަށާއި އެ މައްސަލަ ބެލޭނީ ސިވިލް ކޯޓަށް ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެއްލެވީ ފަނޑިޔާރު ހުޒައިފާއެވެ. ދެން އެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު އަހުމަދު ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން "އިންޑިއާ އައުޓް" އެކި ސިފަ ސިފައިގައި ޖަހާފައިވާ ބެނާތަކެއް އެކި ގޭގޭގައި ދެމި ނަމަވެސް ރިޔާސީ ގަރާރަށްފަހު އެކަމަށް ހުރަސް އެޅަމުންދިއުމާއެކު އެ ހަރަކާތް ވަނީ މަޑުޖެހިފައެވެ.