ރާއްޖެއަކީ ލެޕްރަސީ ނުވަތަ ޖުޒާމްބަލި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ހެދުމަށް 2019 ވަނަ ހެދި "ފްރޭމްވޯކް ފޯ ޒީރޯ ލެޕްރަސީ" ޕްލޭން މުރާޖައާކޮށް މިހާރު އެ މަސައްކަތް ފަށަފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، 2019 ވަނަ އަހަރު ހެދި ޕަލޭންގައިވާ ގޮތުން އެ ލަނޑުދަނޑި މިއަހަރުގެ ނިޔަލަށް ހާސިލް ކުރެވޭނެ ކަމަށް ބަލައިގެން އޭރު މަސައްކަތް ފެށި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ މަސައްކަތް ވަނީ މެދުކަނޑާލާފައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ނެޝަނަލް ލެޕްރަސީ މެނޭޖްމަންޓް ގައިޑްލައިންއާއި ޒީރޯ ލެޕްރަސީއަށް ބޭނުންވާ އުސޫލުތައް ތައްޔާރުކޮށް ސިއްހީ ހިދުމަތްތެރިންނަށް ވަނީ އެ މައުލޫމާތު ދީފައި ކަމަށް އެ އެޖެންސީން ބުނެއެވެ.

ލެޕްރަސީ ނެތް ރަށްރަށް ކަނޑައެޅުމުގައި ކުރެވޭ ކަންކަން:

  • ލެޕްރަސީ ބަލި ސްކްރީންކޮށް ބަލި ދެނެގަތުމަށާއި ދޭން ޖެހޭ ފަރުވާއަށް އަދި ބައްޔާމެދު ދެކޭގޮތް ބަދަލު ކުރުމަށް ސިއްހީ ހިދުމަތްތެރން ތަމްރީން ކުރުން
  • ރަށްރަށުގައި ލެޕްރަސީ ސްކްރީނިން ބޭއްވުން
  • ރާއްޖެއިން ކަނޑައަޅާ ފަރާތްތަކުން ކަމާގުޅޭ އިންޓާނަލް ވެރިފިކޭޝަމް އެސެސްމެންޓް ކުރިއަށް ގެންދިއުން
  • ބައިނަލްއަގާވާމީ ތަޖުރިބާކާރުން ކުރިއަށް ގެންދާ އެކްސްޓާނަލް ވެރިފިކޭޝަން އެސެސްމަންޓް ކުރިއަށް ގެންދިއުން

މި އަހަރުގެ ނިޔަލަށް މަދުވެގެން 100 ރަށް ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ކަނޑައަޅުމަކީ ރާއްޖޭގައި ޒީރޯ ލެޕްރަސީ ލަނޑުދަނޑި ހާސިލް ކުރުމަށް ކުރެވޭ ބޮޑު މަސައްކަތެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގާ ކުރެއެވެ. އަދި މިއަހަރު ތެރޭ ކުރަން ރާވާފައިވާ ކަންކަން އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށް ވެސް ވަނީ ކަނޑައަޅާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭއަކީ ވެސް މީގެ ކުރިން ލެޕްރަސީ ޖެހި ގިނަ ބަޔަކު ތަހައްމަލް ކުރި ބައްޔެކެވެ. ނަމަވެސް 1982 ވަނަ އަހަރު ލެޕްރަސީ ބައްޔަށް ބޭސް ތައާރަފްކޮށް ރަނގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދޭން ފެށުމާއެކު ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދާށްވިއެވެ. އެއާއެކު 1997 ވަނަ އަހަރު ލެޕްރަސީއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ނުރައްކަލެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިހާރު ރާއްޖެއިން ލެޕްރަސީ ކޭސްތައް ފެންނަ އަދަދަށް ބަލާއިރު އަހަރަކު 7 މީހުންނާއި 10 މީހުންނާ ދެމެދުގެ އަދަދަކަށް ކޭސް ފެންނަމުން ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ކޭސްތައް ފެނިފައިވަނީ ވެސް މަދު ރަށަކުން ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.