ބޮލީވުޑްގެ ރަސްގެފާނުން ކަމަށްވާ އަމީތާބް ބައްޗަން އާއި ޝާހްރުކް ހާން 17 އަހަރުފަހުން އެކުގައި ސްކްރީނުން ފެންނަން ތައްޔާރު ވެއްޖެއެވެ.

އެކްސް އެޕްލިކޭޝަން (ޓްވިޓާ) ގައި ޝާހުގެ ފޭނަކު އޭނާ އަށް ކުރި ސުވާލަކަށް ޖަވާބު ދެމުން ކުޅަދާނަ އެކްޓަރު ބުނީ ޒަމާންތަކަކަށް ފަހު އަމީތާބު އާއެކު މަސައްކަތް ކޮށްލެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިފަހަރުވެސް އެހެން ފަހަރުތަކޭ އެއްގޮތަށް ގިނަ ކަންތައްތަކެއް އޭނާގެ ކިބައިން ދަސްވި ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިޔަ ދުވަސްކޮޅަކީ ވަރަށް މަޖާ އުފާވެރި ދުވަސްތަކެއް ކަމަށްވެސް އެކްޓަރު ޝާހު ވަނީ ބުނެފައެވެ.

2006 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ކަބީ އަލްވިދަނާ ކެހެނާ" ގައި މިދެތަރިން އެކުގައި އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައިރު ދެތަރިންގެ އެނބުރި އައުން ވަރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. ދެތަރިން އެކުގައި ދުވަސްތަކަކަށްފަހު ފެނިގެންދާނެ ކަން ހާމަކުރުމާއެކު ގިނަ ފޭނުންނެއް އަންނަނީ ސްކްރީނުން އެމީހުންގެ މަސައްކަތް ފެންނާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ. މި މަސައްކަތާ ގުޅޭ މާބޮޑު ތަފްސީލެއް ޝާހު ދީފައިނުވާއިރު މީޑިއާތަކުންވެސް މި ޕްރޮޖެކްޓާ ގުޅޭ ތަފްސީލެއް ހިއްސާކޮށްފައެއްނުވެއެވެ. ނަމަވެސް މިއަހަރު ތެރޭ މި ޕްރޮޖެކްޓް އިއުލާންކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުޅަދާނަ ތަރިން ކަމަށްވާ އަމީތާބް އާއި ޝާހު އޮން ސްކްރީނުން އެކުގައި ގިނަ ފިލްމުތަކަކުން ފެނިފައިވާއިރު އެ ފިލްމުތައް ވެގެން ގޮސްފައިވަނީ އައިކޮނިކް ފިލްމުތަކަކަށެވެ. މިއަދުވެސް މީހުން ބަލާ އެ ފިލްމު ތަކަކީ ކިތަންމެ ގިނައިން ބެލި ނަމަވެސް ފޫހިނުވާ ފިލްމުތަކެކެވެ. ދެމީހުން އެކުގައި މަސައްކަތްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "މޮހޮއްބަތައިން"، "ކަބީ ހުޝީ ކަބީ ގަމް" އަދި "ވީރް ޒާރާ" ހިމެނެއެވެ.