ފީފާ އަންހެން ވޯންޑްކަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ޓީމުގައި ހިމެނޭ ޖެނީ ހާމަސޯގެ ތުންފަތުގައި ދޮން ދިން މައްސަލައިގައި ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަން (އާރުއެފްއީއެފް) ގެ ރައީސް ލުއިސް ރުބިއާލެސް 90 ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ރުބިއާލެސް އެކަން ކުރީ، ފައިނަމް މެޗަށް ފަހު އުފާފަޅުކުރުމުގެ ތެރޭގައި ހާމަސޯ ގެ ބޮލުގައި ހިފައި އޭނާ އާ ކައިރި ކޮށްލުމަށް ފަހުއެވެ. އެ މައްސަލައިގައި ރުބިއާލެސް އިސްތިއުފާ ދޭން ކުރިން އުޅުނު ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ނަމަވެސް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބަލައި އޭނާ ސަސްޕެންޑް ކުރަން ނިންމާ ބުނީ، ފުޓްބޯޅަ އާ ގުޅުން ހުރި އެއްވެސް ހަރަކާތެއްގައި އެތެރޭގައި ވެސް އަދި ބޭރުގައި ވެސް ކުރިއަށް 90 ދުވަހަށް ބައިވެރިވުން އޭނާ އަށް މަނާ ކުރާ ކަމަށެވެ.

ރުބިއާލެސް ކިސް ކުރި މައްސަލަ ސްޕެއިންގައި ހޫނުވެފައި ވާ އިރު، އެގައުމުގެ އަންހެން ޓީމުން ބުނެފައި ވަނީ، ރުބިއާލެސް ވެރިއަކަށް ހުރެގެން ޓީމުގެ ކުޅުންތެރިން ކުރިއަށް ނުދާނެ ކަމަށާއި އޭނާ މަގާމުން ދުރުކުރަން ޖެހޭނެ ކަމަށެވެ. އަދި އޭނާގެ އަމަލީ، ވޯލްޑްކަޕްގައި ސްޕެއިނަށް ލިބުނު ރީތިނަންވެސް ހަރާބުވެގެން ދިޔަ ކަމެއް ކަމަށެވެ.

ފީފާއިން މައްސަލަ ބަލައި ނިންމި ގޮތް ހާމަ ކުރަމުން އިތުރަށް ބުނެފައި ވަނީ، އާރުއެފްއީއެފްގެ އޮފިޝަލުންނާއި މުވައްޒަފުން ހާމަސޯ އާއި އޭނާގެ ގާތް މީހުންނަށް ގުޅާ ހަދައި އުނދަގޫ ކުރުމުންވެސް ދުރުވާން ޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ރުބިއާލެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ބުނެފައި ވަނީ، އެ އަމަލު އޭނާ ދިފާއު ކުރާނެ ކަމަށެވެ.

ރުބިއާލެސް އަކީ އަހަރަކު 270،000 އެމެރިކާ ޑޮލަރު ލިބޭ ޔޫއީއެފްއޭގެ ނައިބު ރައީސްވެސް މެއެވެ.