ބޮލީވުޑްގެ ޕަވާ ކަޕްލް އެއްގެ ގޮތުގައި ސިފަކުރާ ދެތަރިން ކަމަށްވާ މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރުގެ ގުޅުން ނިންމާލި ކަމަށް ދެކެވުނު ވާހަކަ އަށް އަރުޖުން ރައްދު ދީފިއެވެ.

މި ހަފްތާތެރޭގައި ބޭރުގެ ނޫސްތަކުގެ ފަލަ ސުރުހީ އަކީ އަރުޖުން އާއި މަލައިކާ ރުޅިވި ވާހަކައެވެ. އިއްޔެ މަލައިކާ އިންސްޓަގްރާމަށް ހިއްސާކުރި ޕޯސްޓަކަށް އަރުޖުން ވަނީ ކޮމެންޓްކޮށް މީހުންގެ ދޫތައް ބަންދުކޮށްލާފައެވެ. ބައެއް ރިޕޯޓްތަކުން ބުނި ގޮތުގައި އަރުޖުން މަލައިކާ އާ ރުޅިވުމަށްފަހު ބަތަލާ ކުޝާ ކަޕީލާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ. ނަމަވެސް އެ ހަބަރުފެތުރުމާއެކު ކުޝާ ވަނީ އެ ހަބަރަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ވާހަކައެއްކަމަށް ބުނެފައެވެ.

މީގެ ކުރިން މަލައިކާ ބަނޑުބޮޑު ކަމަށްވެސް ވާހަކަ ފެތުރުނުއިރު އަރުޖުން އާއި މަލައިކާގެ ކައިވެނީގެ ވާހަކަ ވެސް އަޑުއިވުނެވެ. ނަމަވެސް އެ ހުރިހާ ކަމެއް ދޮގުކޮށް އޭރު އަރުޖުން ބުނީ މަލައިކާ އަކީ އޭނާގެ ދިރިއުޅުމުގައި ވަރަށް ހާއްސަ މުހިއްމު މީހެއް ކަމަށާއި އަވަސް އަރުވައިލައިގެން ކައިވެނިކުރަން ބޭނުންނުވާ ކަމަށެވެ. އަދި ކައިވެނީގެ ވާހަކަ ދެކެވޭނަމަވެސް މީޑިއާތަކަށް އެ ވާހަކަ ހިއްސާ ކުރާނެ ކަމަށްވެސް އެކްޓަރު ވަނީ ބުނެފައެވެ. މަލައިކާ އާއި އެކްޓަރު އަރުޖުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރުވެފައިވާއިރު މަލައިކާ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށް އެކައިވެންޏަށް ދަރިއަކުވެސް ލިބިފައެވެ.

ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާން އާއި މަލައިކާ 1998 ގައި ކުރި ކައިވެނި ރޫޅުނީ 2017 ވަނަ އަހަރުއެވެ. އެކައިވެންޏަށް ފިރިހެން ކުއްޖެއް ލިބުނުއިރު އެ ކުއްޖާގެ އުމުރުން މިހާރު 20 އަހަރެވެ.