ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ކުޅަދާނަ އެކްޓަރު އިމްރާން ހާން އެނބުރި ބޮލީވުޑަށް ނުކުންނަން ތައްޔާރު ވެއްޖެއެވެ.

އަށް އަހަރު ދުވަސް ވަންދެން ފިލްމީ ދާއިރާގައި ދުރުގައި ހުރުމަށްފަހު އިމްރާން ބޮލީވުޑަށް އަލުން ނުކުންނަން ނިންމީ ވެބް ސީރީޒް އަކުންނެވެ. އިމްރާން ކުޅެ، މަޝްހޫރުވި ފިލްމު "ޖާނެ ތޫ ޔާ ޖާނެ ނާ"ގެ ޑައިރެކްޓަރު އައްބާސް ތައިރެވާލާ ހަދާ ވެބް ސީރީޒް އަށް އެކްޓަރު މިހާރު ސޮއިކޮށްފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. މި ވެބް ސީރީޒް އިމްރާން ކުޅެފިނަމަ ވެގެންދާނީ އޭނާގެ ފިލްމީ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒަށްވެސް މެއެވެ. އައްބާސް ބުނީ މިވަގުތު އޭނާ ކުރަމުންދަނީ ތްރިލާ ވެބް ސީރީޒެއް ހެދުމުގެ މަސައްކަތްކަމަށާއި ސީރީޒްގެ ސްޓޯރީ މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ސީރީޒްގައި ހިމަނާނެ ތަރިންވެސް ފައިނަލް ވެފައިވާ ކަމަށާއި ސީރީޒް އާއި ތަރިން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް އައްބާސްވަނީ ބުނެފައެވެ. އިންޓަލިޖެންސް އޮފިސަރެއްގެ ރޯލުން އިމްރާން މި ސީރީޒުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނާއިރު މި ސީރީޒް ޕްރޮޑިއުސް ކުރީ ސިދާތް ރޯއީ ކަޕޫރެވެ.

އެކްޓަރު އެންމެ ފަހުން ސްކްރީނުން ފެނިގެން ދިޔައީ 2015 ވަނަ އަހަރު ކުޅަދާނަ ބަތަލާ ކަންގަނާ ރަނައުތު އާއެކު ކުޅުނު ފިލްމު "ކައްޓީ ބައްޓީ" އިންނެވެ. އިމްރާން ކުޅުނު ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "އައި ހޭޓް ލަވް ސްޓޯރީސް"، "ބްރޭކް ކެ ބާދު" އަދި "މޭރޭ ބްރަދާ ކީ ދުލްހަން" ހިމެނެއެވެ.