69 ވަނަ ގައުމީ ފިލްމު އެވޯޑުގެ އެންމެ މޮޅު ބަތަލާ އަކަށް ބޮލީވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ކްރިތީ ސެނަން އަށް ލިބިއްޖެއެވެ.

އެންމެ މޮޅު ބަތަލާގެ ކެޓަގަރީ އިން މިއަހަރު ދެތަރިންނަށް އެވޯޑު ލިބުނުއިރު ކްރިތީ އަށް މި އެވޯޑު ލިބުނީ އޭނާ ކުޅުނު ފިލްމު "މިމީ" އިންނެވެ. އަދި އާލިއާ އަށް މި އެވޯޑު ލިބުނީ "ގަންގޫބާއި" ގައި އޭނާ ދައްކުވައިދިން މޮޅު ހުނަރުގެ ސަބަބުންނެވެ. އެވޯޑާ ހަވާލު ވުމަށްފަހު ކްރިތީ ބުނީ މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ލިބުނު އެންމެ މުހިއްމު އެވޯޑު ކަމަށާއި މިއީ ކެރިއަރުގައި އޭނާ އަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. އަދި "މިމީ" ކުޅެން ފުރުސަތު ދިން ފިލްމުގެ ޑައިރެކްޓަރު ލަކްޝްމަން އަށް ޝުކުރު އަދާކުރާ ކަމަށެވެ. އެ ފިލްމުން ގައުމީ އެވޯޑެއް ލިބޭނެ ކަމަށް ތަކުރާރުކޮށް ލަކްޝްމަން ބުނަމުން ގެންދިޔަ ކަމަށާއި ފިލްމުގެ ޓީމުން އޭނާއަށް ކުރި އިތުބާރަށް ޝުކުރު އަދާކުރާ ކަމަށް ވެސް ކްރިތީ ވަނީ ބުނެފައެވެ.

މި ވަގުތު އިނގިރޭސިވިލާތުގައި ޗުއްޓީ ހޭދަކުރަމުން އަންނަ އާލިއާ، އިންސްޓަގްރާމަށް ކުރި ޕޯސްޓެއްގައި ބުނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ ބެލުންތެރިންގެ ވެސް ތަރުހީބާ އެކު ކަމަށެވެ. ބެލުންތެރިންނާ ނުލައި މިއަދު ހުރި ހިސާބަށް ނުވެސް އަންނާނެ ކަމަށާއި އެވޯޑު ލިބުމުން އެކަމާ އުފާކުރާ ކަމަށެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑު އާލިއާ އާއި ކްރިތީ އަށް ލިބުނުއިރު އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ފިލްމު "ޕުޝްޕާ" އިން އައްލޫ އަރުޖުން އަށެވެ. ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންދިޔަ ފިލްމު އެވޯޑު ހަފްލާގައި ވަނީ ތެލެގޫ އަދި ކަންޑާނާ ތަރިންނަށްވެސް އެވޯޑު ލިބިފައެވެ.