ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކޮށްދިނުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ކެމްޕެއިން ދަތުރެއްގައި ށ. ފޭދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ބޭނުންވަނީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރަން ކަމަށާއި ދެ ވަނަ ބުރަކަށް ދިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި 2 ވަނަ ބުރަކަށް ގޮސްފިނަމަ މަދުވެގެން 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
2 ވަނަ ބުރަކަށް ގޮސްފިނަމަ 40 މިލިއަން ރުފިޔާ ހަރަދުވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ދެ ވަނަ ބުރަކަށް އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި އެ ފައިސާއިން ފޭދޫގެ ނުވަތަ އެހެން ރަށެއްގެ ރައްޔިތުން ބޭނުންވާ އެތައް ކަމެއް ކުރެވޭނެ ކަމަށެވެ. އެހެންކަމުން 40 މިލިއަން ރުފިޔާއިން ބޭކާރު ކުރާނެ ކަމަށާއި ވޯޓު ދީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކޮށްދިނުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭނީ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ 50 ޕަސެންޓު މީހުންނަށް ވުރެ އިތުރަށް އެއް ވޯޓު ލިބިއްޖެނަމައެވެ.
ފޭދޫގެ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ވެރިކަން ލިބިއްޖެނަމަ އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
މުއިއްޒު ފޭދޫއަށްވެ ވަޑައިގެން ވައުދުތައް:
- ރަށްގިރުން ހައްލުކުރުން
- ސްކޫލަށް ބޭނުންވާ ކްލާސްރޫމްތައް އިތުރުކޮށް ސްކޫލު އިތުރަށް ތަރައްގީ ކުރުން
- ޔޫތު ސެންޓަރެއް ގާއިމްކުރުން
- ބޮޑެތި މަގުތައް ހެދުން
- ކުނި މެނޭޖުކުރުން
- އައުޓް ޑޯ އަދި އިންޑޯ ކުޅިވަރުތައް ކުޅެން ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން
- ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅު ކުރުން
އަދި އެހެނިހެން ވެސް ފޭދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.