ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ޖެހޭނީ ތިލަމާލެ ބްރިޖް އަޅާ އުސޫލުން ނޫން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ އޭނާ ގޭގައި ހުންނަވާއިރު ކޮންމެ ދުވަހަކުވެސް ބްރިޖްގެ މަސައްކަތް ކުރާތަން ފެންނިވަޑައިގަންނަވާ ކަމަށާއި އެ ބްރިޖްގެ ދެން ތަންކޮޅެއް އިތުރުވާނީ ކޮން ދުވަހަކު ބާއޭ ކޮންމެ ދުވަހަކުވެސް ހިތަށް އަރާ ކަމަށެވެ. 5 އަހަރު ނިމެގެން ދާއިރު ބްރިޖްގެ 3 ހޮޅިދަނޑި ޖެހިފައި އެބަހުރި ކަމަށާއި އެއީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ޖެހޭ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ވަރަށް ސީރިއަސް ވާހަކައެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ޖެހޭގޮތަށް ރައީސް އަބްދުﷲ ޔާމީން ވަނީ ތަރައްގީ ގެނެސްދެއްވާފައި ކަމަށެވެ. އެގޮތުން އެމަނިކުފާނު ވައުދުވެވަޑައިގެން ގޮތަށް ސިނަމާލެ ބްރިޖް ދައުރު ނިމުމުގެ ކުރިން އަޅުއްވާ ނިންމާފައިވާކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ އައްޑޫ ސިޓީއަށް ބޭނުންވާ ހިތަދޫއާއި ހުޅުދޫމީދޫ ގުޅުވައިދޭ 15 ކިލޯ މީޓަރު ދިގު ބްރިޖް އަޅާ ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ "ތިލަމާލެ ބްރިޖް" މަޝްރޫއު ނިންމާ މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި ބްރިޖުން ވިލިމާލެއަށް ދަތުރު ކުރެވޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެފްކޯންސް ކުންފުނިން ކުރިން ބުންޏެވެ. ނަމަވެސް ބްރިޖްގެ މަސައްކަތް އަދި ނިމުމާ ގާތަށްވެސް ގޮސްފައެއް ނުވާ އިރު ފަހުން ބުނަމުން ދިޔައީ ޑިސެމްބަރު ކަމަށެވެ. މި މަޝްރޫއު ކުރިއަށްދާ ގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު މިހާރު ޑިސެމްބަރަށްވެސް ނުނިންމޭނެ ކަމަށް ވަނީ ބުނެފައެވެ.
ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެޖެވެ. ބްރިޖްގެ އުމުރު 120 އަހަރުވާން ދެން ހިފަހައްޓާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.