ޕީއެންސީގެ ވެރިކަމެއްގައި ކަނބަލުންނަށް ކުންފުނި އުފައްދައިގެން ވިޔަފާރި ކުރުމަށް ފަސޭހަ ކުރުމަށް ވަކި ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ކަނބަލުންނާއި ޒުވާނުން އަދި ވިޔަފާރިވެރިންނަށް ހާއްސަކޮށް މުހިންމު ވައުދުތަކެއް ވެ ވަޑައިގެންފައެވެ.

މި ގޮތުން މުއިއްޒު ވިދާޅުވީ ކިތަންމެ ތަރައްގީ އަކާއި އިންފްރާސްޓްރަކްޗަރެއް ގެނައި ނަމަވެސް ރައްޔިތުންނަށް ސީދާ ފައިސާ ނުލިބޭނަމަ އޭގެ ބޭނުމެއް ނެތް ކަމަށެވެ. މުއިއްޒުގެ ވެރިކަމެއްގައި އަންހެނުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމުގެ ވައުދާއެކު ވިދާޅުވީ ކަނބަލުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނެއް ތައާރަފް ކުރައްވާނެ ކަމަށެވެ. އަދި މިއީ އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ކަނބަލުންނަށް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގޭގައި ތިބެގެން އުފައްދާ އުފެއްދުންތަކަށް މާކެޓް ހޯދައި ދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ސިޓީއެއްގައި އެފަދަ ތަކެތި ވިއްކޭނެ މާކެޓެއް ގާއިމު ކޮށްދެއްވާނެ ކަމަށެވެ. އަދި ކަނބަލުންގެ ކޯޕަރޭޓްސްތަކެއް އުފައްދައި އެމަސައްކަތް ކުރިޔަށް ގެންދާނީ އެ ކޯޕަރޭޓިވްސްތަކުން ކަމަށާ، އެތަންތަން އޮޕަރޭޓް ކުރާނީ އަންހެނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެތަންތަނުގައި ބިދޭސީން މަސައްކަތް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވަނީ މެނިފެސްޓޯގައި ޒުވާނުންނާއި ކަނބަލުން އަދި ވިޔަފާރި ވެރިންނަށް ހާއްސަކޮށްފައިވާ ކަންތައްތަކުގެ ތަފްސީލް ހާމަކުރައްވާފައެެވެ. މި ގޮތުން މުއިއްޒު ވިދާޅުވީ ޕީއެންސީގެ ވެރިކަމެއްގައި އިންޓަނެޓް ވިޔަފާރި ކުރާ ފަރާތްތަކަށް އެވިޔަފާރި ފުޅާ ކުރެވޭނެ މަގު ގާނޫނީ ގޮތުން ހޯއްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންކުރެވޭ ގޮތަށް ބައްޓަން ކޮށްދިނުމުގެ އިތުރުން ސެލާ އެކައުންޓްތައް ކްރިއޭޓް ކުރެވޭގޮތް ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.