އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސް 41އ، ގެ ތިން ވަނަ ކައިވެނިވެސް ރޫޅިއްޖެއެވެ.

ބްރިޓްނީ އާއި އޭނާގެ ފިރިމީހާ ސޭމް އަޝްގަރީ 29އ، ވަރިވީ ކައިވެނިކޮށްގެން އުޅޭތާ އަހަރަކަށް ފަހުއެވެ. ދެމީހުން 2016 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރީ 2022 ވަނަ އަހަރުއެވެ. ބްރިޓްނީ އަށް ވުރެ އުމުރުން 12 އަހަރު ހަގު ސޭމް އާ ކައިވެނިކުރުމުންވެސް ބްރިޓްނީ އަށް އާންމުންގެ ފާޑުކިޔުން ކުރިމަތިވިއެވެ. ދެމަފިރިން ވަކިވި ސަބަބެއް ހާމަވެފައިނުވާއިރު ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި މީގެ ދެހަފްތާކުރިން ސޭމް، ކައިވެނީގެ އަނގޮޓި އެޅުން ހުއްޓާލާފައިވާކަން އެނގިފައިވާ ކަމަށާއި ދެމީހުން ވަކިވި ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ ސޭމްގެ އިންސްޓަގްރާމަށް ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށެވެ. އަދި އެ ފޮޓޯގައި ސޭމް ކައިވެނީގެ އަނގޮޓި އަޅާފައިނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބްރިޓްނީގެ ގެއިން ސޭމް ނުކުމެ، މިހާރު އެހެން ގެއަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށާއި ދެމީހުން ވަރިވާން ކޯޓުގައި އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ދެމީހުން ވަކިވާން ނިންމީ ދެމީހުންގެ މެދުގައި ބޮޑު ޒުވާބެއް ހިނގައި ސޭމް އަށް ބްރިޓްނީ ބޭވަފާތެރިވިކަން ހާމަވުމުން ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ތިން ކައިވެންޏެއް ކުރި ބްރިޓްނީ އެންމެ ފުރަތަމަ ކައިވެނިކުރީ ޖޭސަން އެލެން އެލެކްސެންޑްރާ އާއެވެ. 2004 ވަނަ އަހަރު އެ ކައިވެނިކުރިއިރު ހަމަ އެ އަހަރު އެކައިވެނި ވަނީ ރޫޅިފައެވެ. ކައިވެނިކުރިތާ 55 ގަޑިއިރު ތެރޭ އެ ކައިވެނި ރޫޅުނުއިރު ބްރިޓްނީ ވަނީ ހަމަ އެއަހަރު ކެވިން ފެޑާލިން އާ ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބުނުއިރު އެ ކައިވެނި ރޫޅުނީ 2007 ވަނަ އަހަރުގައެވެ.