ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނެނީ 'ކޮޕީ ކެޓް' ވައުދުތަކެއް ކަމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިނު ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު މުއިއްޒުގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ވައުދުތަކުގެ ގޮތުގައި އިއުލާން ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ކޮޕީކޮށްގެން ކަމަށެވެ.
ރައީސް ސޯލިހްގެ "އުފާވެރި ދިރިއުޅުން" މެނިފެސްޓޯގައި ގެދޮރު އިމާރާތް ކުރުމަށް ހަ ޕަސެންޓަށް ވުރެން ބޮޑު ނުވާނެ ގޮތަށް ލޯން ފޯރުކޮށްދޭނެ ކަމަށް ހިމަނާފައި ވަނީ ވަރަށް ބޮޑަށް ހިސާބުތައް ޖަހައިގެން ދިރާސާ ކޮށްގެން ކަމަށާ ހަމަ އެ ވައުދު މުއިއްޒުވެސް ވެ ވަޑައިގެންނެވި ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް މުއިއްޒުގެ އެ ވައުދުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވަމުން މާރިޔާ ވިދާޅުވީ ހިލޭ ދޫކުރި ބިން ވެސް ގަންނަން މި ޖެހެނީ ސަރުކާރު އަތުން ކަމަށެވެ. އަދި މުއިއްޒުގެ ވާހަކަ ހުރީ އެ ބިމުގައި އަޅާ ގެއަކީ ފައިނޭންސް ދިނަސް ގަންނަމުންދާ އެއްޗަކަށް ވާން ޖެހޭނެ އެއްޗެއްގެ ގޮތަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، މި ސަރުކާރުން މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓު އަތުލާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ރައީސް ސޯލިހްގެ ކެމްޕެއިނު ތަރުޖަމާނުގެ ހައިސިއްޔަތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަރަށް ބޮޑަށް މުއިއްޒު އަށް ފާޑުވިދާޅުވަމުން ގެންދަވާ މާރިޔާ ވިދާޅުވީ މުއިއްޒުގެ ވާހަކަ ތަކުރާރުކޮށް ދައްކަވަނީ އެއީ އެއްގޮތަކަށް ވެސް އެމްޑީޕީ އަށް އޮތް ޗެލެންޖަކަށް ވެގެން ނޫން ކަމަށެވެ.