ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަންނަ މަހު ކައިވެނިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބޭރުގެ ނޫސްތައް ބުނެފިއެވެ.
ޕަރިނީތީ އާއި އޭނާގެ ލޯބިވެރިޔާ ރާގަވް ޗައްޑާ ދިއްލީގައި މިދިޔަ މެއި މަހު އެންގޭޖްވިއިރު އެ އެންގޭޖްމަންޓްވެގެންދިޔައީ ބޮލީވުޑް އާ އިންޑިއާގެ ޕޮލިޓިކްސްގެ ބޮޑު އީދަކަށެވެ. ރާގަވް އަކީ އިންޑިއާގެ މަޖިލީހުގެ އެންމެ ޒުވާން މެންބަރެވެ. ރާޖަސްތާނުގެ ގަނޑުވަރެއްގައި މިދެމީހުންގެ ކައިވެނި ހަފްލާ ބާއްވަން ހަމަޖެހިފައިވާއިރު ރިޕޯޓްތައް ބުނާގޮތުގައި ދެމީހުންގެ ކައިވެނި ހަފްލާ އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ. ރާޖަސްތާނުގެ ގަނޑުވަރެއްގައި ޕަރިނީތީ ކައިވެނިކުރަން ނިންމިއިރު ބަތަލާގެ ދެބޭންގެ ދެދަރި ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ވެސް ކައިވެނިކުރީ ރާޖަސްތާނުގެ ހިތްގައިމު ގަނޑުވަރެއްގައެވެ.
ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ދެފަރާތުގެ އާއިލާ އިން ވެސް މިހާރު ފަށާފައިވާއިރު، ކައިވެނި ހަފްލާގައި ބައިވެރިވާނީ ހަމައެކަނި ގާތް ރަހުމަތްތެރިންނާއި އާއިލާގެ ބައެއް މެންބަރުންނެވެ. ޕަރިނީތީ އާއި ރާގަވް އަކީ ވަރަށް ކުރީއްސުރެ ވެސް ގާތް އެކުވެރިންނެވެ. މިދެމީހުން ލަންޑަނުގައި އެއްކޮށް ކިޔަވަން އުޅުމުގެ ތެރޭގައި ދިމާވެ އެކުވެރިވިއެވެ. އަދި އެންމެފަހުން އެ ގުޅުން ލޯތްބަށް ބަދަލުވެ އިއްޔެ އެންގޭޖްވެސް ކުރީއެވެ.
ޕަރިނީތީ އާއި ރާގަވް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެންމެ ފުރަތަމަ އަޑުއަރާފައިވަނީ މިދިޔަ މާޗު މަހު ރާގަވް އާއެކު ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅެނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް އާންމުވުމާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން ދެމީހުން ކުރެ އެކަކުވެސް ވާހަކަދައްކާފައިނުވާއިރު އޭގެ ފަހުން ދެމީހުންވެސް އެއްކޮށް މަގުމަތިން ފެނެއެވެ.