ބިން ހިއްކުމުގެ މަޝްރޫއެއް ދ. ހުޅުދެލީގައި ހިންގަވައި ދެއްވާނެ ކަމުގެ ވައުދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ހުޅުދެއްޔަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ރަށުގައި ގެވަޅު ދިނުމަށް ބިން ފުރިފައިވާ ކަމަށާއި ގެދޮރު ދެވެން އޮތީ ބިން އިތުރު ކޮށްގެން ކަމަށެވެ. އަދި ގެދޮރުވެރިކަން ހާސިލު ކުރެވޭނީ އެ ޖާގަ ހެދިގެން ކަމަށާއި ހުޅުދެއްޔަށް ބޭނުންވާ ވަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ހިންގައި ދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އަޒުމަކަށް ވާންވީ ގައުމު އިސްކުރުން ކަމަށާއި ގައުމީ ރޫހު އިސްކުރުން ކަމަށެވެ. އަދި އިންތިހާބާ ގާތްވެފައި ވާއިރު އެކި ކަހަލަ ނުފޫޒުތައް އަންނާނެ ކަމަށާއި އެއްވެސް ނުފޫޒަކަށް އަޒުމު ގުޑުވައިނުލައި އިސްކުރަންވީ ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމުގެ އަޒުމު ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހުޅުދެއްޔަކީ ވަރަށްވެސް ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ އަދި މަސްވެރިކަމުގެ މަސައްކަތްތައް ވަރަށް ވަރުގަދައަށް ކުރާ ރަށެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ބޭނުންވާނެ ކަންތައްތައް ހުންނާނެ ކަމަށާއި އެ ރަށުން ތެލާއި އައިސްލިބޭނެ ނިޒާމު ގާއިމު ވެގެން ދިއުމަކީ އެ ރަށުގެ ރައްޔިތުންނާއި އެ ރަށަށް އެ ހިދުމަތް ހޯދަން އަންނާނެ ފަރާތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން އިސްކަމެއް ދެއްވައިގެން އެކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ރަށުގެ ސިއްހީ ނިޒާމު ވަނީ ވަރަށް ހީނަރުވެފައި ކަމަށާއި އެހެންކަމުން އެ ރަށުގެ ސިއްހީ މަރުކަޒު ފެންވަރު ރަނގަޅުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒަކަށް ބަދަލު ކުރާއިރު ލެބޯޓްރީ އެހެނިހެން ހިދުމަތްތައް ފުރިހަމަވެގެން ދާނެ ކަމަށެވެ. އަދި ރަނގަޅު ފެންވަރުގައި ކުނި މެނޭޖްނުކުރެވި ބަލިތައް ފެތުރޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރަނގަޅު ފެންވަރެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއްގެ ތެރެއިން މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށާއި ކުނި މެނޭޖްކުރުން މަސައްކަތް އެންމެ މަރުކަޒީ ލެވެލްގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރައްވާނެ ކަމަށާއި ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން ހުޅުދެލީގެ ސްކޫލްގެ ޖާގަ ކުޑަވެފައިވާއިރު ކްލާސް ރޫމް އިތުރުކުމާއެކު ކުޅިވަރަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށާއި އޭޓީއެމްއެއް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމުން އެކަންވެސް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވައުދުވެވަޑައިގަންނަވާ ކޮންމެ ކަމަކީ ކޮއްދޭނެ ކަންކަން ކަމަށާއި ނުކުރެވޭކަމެއްގެ ވާހަކަ ރައީސް ޔާމީންގެ ޓީމުން ނުދަންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ވެވަޑައިގެންނެވި ވައުދެއްނަމަ ފުއްދެވި ކަމަށެވެ.