ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލަންސް ތައާރަފްކޮށް، ސްކޫލް ބަންދަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށް ޑިސެމްބަރުގައި ބޮޑު ޗުއްޓީ ދޭ ގޮތަށް ބަދަލު ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން މިރޭ ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުން ބަލި މީހުން އުފުލުމަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް ސީ އެމްބިއުލާންސް ތައާރަފްކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މިހާރު ބަލި މީހުން އުފުލުމުގައި އޮތް ދަތިކަން ހައްލުކޮށް ދެއްވުމަށް އެއާ އެމްބިއުލާންސް ތައާރަފް ކުރަން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން އޭނާއަށް ވެރިކަން ލިބިވަޑައިގަތުމުން ފަސްޓްއެއިޑްގެ ހުރިހާ ވަސީލަތެއް ބޭނުން ކުރެވޭ ގޮތަށް އެއާ އެންބިއުލަންސެއް ފަރުމާކޮށް ޕައިލެޓް ޕްރޮޖެކްޓެއް ފައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ޕްރޮޖެކްޓް ކުރިއަށް ދާ ގޮތަށް ބެލުމަށް ފަހު އެއާ އެމްބިއުލަންސް އިތުރު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ދެން ރައްޔިތުންގެ އެންމެ ބޮޑު އެއް ތަކުލީފަކަށް ވެފައިވާ ސްކޫލް ބަންދު އަހަރުގެ މެދުތެރެއަށް ބަދަލުވެފައި އޮތް އޮތުމަށް ބަދަލެއް ގެނެސް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އަހަރު މެދުތެރެއިން ސްކޫލް ބަންދު އަންނަ އިރު އެ ދުވަސްވަރަކީ ދެ މޫސުން ފައްތަރުވާ ދުވަސްވަރަށް ވެފައި މޫސުމަށް އަންނަ ބަދަލުތަކާ ހެދި ތަންތަނަށް ނުދެވި އާއިލާތައް ތިބެން ޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު ޖުލައި 26 ވެސް އެ ދުވަސްވަރަށް އަންނާތީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާ ސްކޫލް ދަރިވަރުން ވެސް ފަރިތަކުރުންތަކުގައި މަޑު ކުރަން ޖެހޭތީ ޗުއްޓީ ހޭދަ ކޮށްލަން ނުދެވުމަކީ ވެސް ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، 2025 ގެ ޖެނުއަރީ މަހު ދިރާސީ އާއަރު ފެށޭ ގޮތަށް ބަދަލު ގެންނަވާނެ ކަމަށާއި އެ އަހަރު ޑިސެމްބަރު މަސް ވެގެންދާނީ ބޮޑު ޗުއްޓީގެ އުފާވެރިކަން އާއިލާތަކަށް ލިބޭނެ ދުވަސްވަރަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ބަދަލު ގެންނަން މަންހަޖު ރާވައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މި ބަދަލާ އެކު ރިސޯޓް މުވައްޒަފުންނަށް ދަތިތައް ދިމާވާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ބަދަލު ވުމުން ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރާ ބެލެނިވެރިންނަށް އެ ދުވަސްވަރު ޗުއްޓީ ނެގުން ދަތިކަމަކަށް ވަނީ އެއީ އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔަރަތްކުރާ ދުވަސްވަރު ކަމަށް ވާތީއެވެ. އެ ދުވަސްވަރު އެ ފަދަ މުވައްޒަފުންނަށް ޗުއްޓީ ހަމަޖެހޭނެ އިންތިޒާމްތައް ހަމަޖައްސަވައި އެ ދަތިކަން ވެސް ފިލުވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މުއިއްޒު ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ކުރައްވާނެ އިތުރު ކަންކަމުގެ ވާހަކަ ހިއްސާ ކުރައްވާފައެވެ. އެ ގޮތުން ރާއްޖޭގައި ދަރިން ނުލިބޭ މީހުންގެ އަދަދު އިތުރު ވަމުން އަންނަ އިރު އެކަމަށް ހައްލެއް ގެނެސް ދިނުމަށް އައިވީއެފް ހިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭ ގޮތަށް ބަދަލު ގެނެސް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިހާރު ވެސް އެ ހިދުމަތް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ލިބުން ނަމަވެސް އެ ހިދުމަތަކީ އާސަންދަ ކަވަރު ކުރާ ގޮތަށް ދޭ ހިދުމަތެއް ނޫނެވެ.