ބީއެމްއެލްގެ އެހީގައި ކެންސަރަށް ފަރުވާ ކުރުމަށް އައިޖީއެމްއެޗްގައި ގާއިމްކުރި އޮންކޮލޮޖީ ވޯޑު މިއަދު ހުޅުވައިފިއެވެ.
ބީއެމްއެލް އިން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް 3.5 މިލިއަން ރުފިޔާގެ ހިލޭ އެހީދީފައެވެ. ބީއެމްއެލްއިން ބުނީ، މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި ޕްރޮޖެކްޓްތައް ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައިވާ ކަމަށެވެ. މިގޮތުން މިއަދު ހުޅުވި އޮންކޮލޮޖީ ވޯޑަކީ އައިޖީއެމްއެޗްގެ އިތުރުން ސިއްހީ ދާއިރާއަށް ވެސް ވަރަށް ބޭނުންތެރި މުހިންމު ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ، އައިޖީއެމްއެޗްގައި ގާއިމްކުރި މި ވޯޑުގައި 8 ކިޔުބިކަލް ހިމެނޭ ކަމަށާއި އެހެންކަމުން އެއް ފަހަރާ 8 ޕޭޝަންޓުންނަށް އެޑިމިޓްކޮށްގެން ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
މި ވޯޑު ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް ފައިސަލް ނަސީމްއެވެ. މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އަލީ ޝިޔާމް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްގެ އިތުރުން އެ ހޮސްޕިޓަލްގެ ވެރިންނާއި ބީއެމްއެލްގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދެން ތިހޮސްޕިޓަލަށް ދާ ކޮންމެ މީހަކުވެސް ވާނީ ކެންސަރު ޖެހިފާކަމަށް ވާނީ.