ގދ. ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެ އަށް ކަޅުތެޔޮ ޖެހި މައްސަލައިގައި އަދި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ހޯނޑެއްދޫ އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވާއިރު އެ ތަނުގައި ހުރި ގޮނޑިތަކާ މޭޒުތަކާ އަދި އެހެން ތަކެއްޗަށް ވެސް ވަނީ ކަޅު ތެޔޮގެ އަސަރުކޮށްފައެވެ.

'ދަ ޕްރެސް އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކުރީ މިއަދު ހެނދުނު 6:00 ގައި ކަމަށެވެ. އަދި އެ މައްސަލާ މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ހަފުތާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައިވެސް އަލިފާން ރޯކޮށްލާފައިވާއިރު ކޮންމެ އިންތިހާބަކާ ދިމާކޮށް މިފަދަ ހަމަނުޖެހުންތައް ހިންގާ މައްސަލަތައް ފެންމަތިވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރިގަދަވެފައިވާ މި ދުވަސްވަރު ރައީސް ސޯލިހްގެ ކެމްޕެއިންނަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަން މަސައްކަތްކުރަމުންދާ ކަމުގެ ތުހުމުތު ވަނީ ކޮށްފައެވެ.