ޕީއެންސީގެ ސަރުކާރެއްގައި ވަޒީފާ ގެއްލިދާނެ ކަަމަށް އޮތް ބިރު ނައްތާލާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ 2 ވަނައަށް އެންމެ އިސްކަން ދެއްވާނެ ކަމަކީ ވަޒީފާ ދެމެހެއްޓުން ކަމަށާއި، ސިޔާސީ ބޭނުމެއްގައި ވިޔަސް ނުވަތަ އެކި ކުންފުނިތަކަށް މަޝްރޫއުތައް ނުފެށެނީސް ވަޒީފާތަކަށް ނަގާފައިވާ މީހުން ކަމަށް ވިޔަސް ވަޒީފާ ނުގެއްލޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރެއްވުމަށް ކަމަށެވެ.

މުއިއްޒު އަށް ވެރިކަން ލިބިވަޑައިގެން ނަމަވެސް އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި މިހާރު ވަޒީފާގައި ތިބި މީހުން އޭނާގެ ވެރިކަމެއްގައި އެ ވަޒީފާގައި މިހާރު ވެސް ލިބޭ މުސާރާގައި އެމީހަކު ހުންނާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވަޒީފާ ދިން ކުންފުނިން އެ ވަޒީފާ އުވާލައިގެން ވަޒީފާ ގެއްލިދާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ވަޒީފާގެ ބިރު ހިތުގަ އޮތަ ނުދެއްވާށޭ، ވަޒީފާއަކުން މީހަކު ވަތްކެއް ނުކުރައްވާނަމޭ، ސިޔާސީ ގޮތުން ބިރުދެއްކުމަށްޓަކައި ސިޔާސީ ގޮތުން ތަޅުއެޅުވުމަށްޓަކައި ވަޒީފާ ދޭ ކަމަށް މީހުންނަށް ހީކޮށްދޭން އުޅުނަސް އެހީގައި ނުޖެހޭށޭ، މިނިވަންކަމާއެކީގަ ތިއްބަވާށޭ، ރައްޔިތުންނަށް ހިދުމަތް ކުރުމުގަ ތިއްބަވާށޭ، އިހްލާސްތެރިކަމާއެކީގައި މަސައްކަތްކޮށްދޭށޭ، ތިޔަ ހިދުމަތް ދެނީ ގައުމަށޭ އެހެންވީމާ ވަޒީފާއިން ވަތްކެއް ނުކުރެވޭނޭ، އެހެން ނަމަވެސް ބަދަލުތަކެއް އައިސްދާނޭ، އިގްތިސޯދީ ގޮތުން ކުންފުނިތަކަށް ގެންނަން ޖެހޭ ހެޔޮ ބަދަލުގެ ތެރެއިން ބަދަލުތަކެއް އަޔަސް ވަޒީފާއެއް ނުގެއްލޭނޭ
ޑރ. މުއިއްޒު

މުއިއްޒު އިތުރަށް ވިދާޅުވީ ބޭނުންވާ ވަރަށްވުރެ އިތުރަށް ކުންފުންޏަކުން މުވައްޒަފުން ނަގާފައި ވާނަމަ އެ މީހުންގެ ވަޒީފާއަށް ބަދަލު އައިސްދާނެ ކަމަށާއި އެގޮތުން އެ މީހުންގެ ވަޒީފާ އެހެން ކުންފުންޏަކަށް ބަދަލުކުރަން ޖެހިދާނެ ކަން ފާހަގަ ކުރެއްވިއެވެ.

އިގްތިސޯދީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކުގެ ސަބަބުން ކުންފުނިތަކަށް ގެންނަ ހެޔޮ ބަދަލުގެ ތެރެއިން ވަޒީފާއަށް ބަދަލު އަޔަސް ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ރައްޔިތުންނަށް ދެެއްވަމުން މުއިއްޒު ވަނީ ވަޒީފާގެ ބިރު ހިތުގައި އޮތަ ނުދީ މިނިވަންކަމާ އެކީގައި ރައްޔިތުންނަށް އިހްލާސްތެރި ކަމާއެކު ހިދުމަތް ކުރުމަށް ގޮވާލައްވާފައެވެ.

ދިއްދޫގައި ބިން ހިއްކައި އެއާޕޯޓް އެޅުމަށާއި، އިންޓަނޭޝަނަލް މެޗުތައް ކުޅޭ ފެންވަރުގެ ޒަމާނީ ދަނޑެއް ހެޅުމަށާއި، އެ ރަށު މަގުތައް ހެދުމާއި، ފަށާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުތައް ނިންމުމުގެ އިތުރުން އެ ރަށުގެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް އިތުރު ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.