މުއިއްޒު ނިސްބަތް ވެވަޑައިގަންނަވާ ރަށް، ހއ. ވަށަފަރުގެ ތަރައްގީއަށްޓަކައި ރަށުގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު އަދި މާލޭ ސިޓީގެ މޭޔާރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ ތަރައްގީ ގެނައުމުގައި ބަލަން ޖެހޭނީ ރަށެއްގެ އާބާދީއެއްގެ ސައިޒަކަށް ނޫން ކަމަށެވެ. ކޮންމެ ރަށެއްގައި ވެސް ތިބެނީ ދިވެހި ރައްޔިތުން ކަމަށާއި ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ރައްޔިތަކަށް ވާއިރު ސަރުކާރުން ހިދުމަތް ދިނުމުގައި ތަފާތު ކުރެވިގެން ނުވާނެ ކަމަށެވެ. އެގޮތުން ވަށަފަރާމެދު ވެސް ގެންގުޅުއްވާނީ އެ އުސޫލު ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ވަށަފަރުގެ ރައްޔިތުންނަށް ދެއްވަން ބޭނުންވާ ޔަގީން ކަމަކީ ރަށުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި އެ ރަށުގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ކަަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ރަށުގައި ފަށާއިފައިވާ ސިޓީ ހޮޓަލްގެ މަސައްކަތް ނިންމާ ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެ ތަން ހުޅުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރަށްގިރުމުގެ މައްސަލައާއި ރައްޔިތުން ގެދޮރުވެރި ކުރުމަކީ ވާން ޖެހޭ ވައުދެއް ނޫން ކަމަށާއި އެއީ އަސާސީ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެން ގެދޮރުވެރި ކުރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އެގޮތުން ގޯތި ދޫކުރުމަށް ބިން ނެތް ރަށްރަށުގެ ބިން ހިއްކަވާނެ ކަމަށާއި ދޫކުރާ ގޯތީގައި ގެ އެޅުމަށް އެހީވުމުގެ ގޮތުން ލުއި ލޯނު ލިބޭނެ ގޮތްތައް ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ކަންކަން ހުރިހާ ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވާފައި ވާއިރު އެންމެ އިސްކަމެއް ދެއްވާނެ އެނެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ރާއްޖޭގައި ވަޒީފާތައް އިތުރުކޮށް ވަޒީފާ ބޭނުންވެފައި ތިބި އެންމެނަށް ވަޒީފާ ހޯދާ ދިނުމެވެ. އަދި ހަމައެއާއެކު ތަރައްގީއަށް ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ގިނަފަހަރު ކަންކަމާ ހަވާލުވާ ފަރާތްތަކުން ރައްޔިތުންނާ މެދުގައި ނުވިސްނާ ކަމަށެވެ. އެހެންކަމުން ރައްޔިތުން ތަހައްމަލު ކުރަން ޖެހެނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އެއާއެކު ދެން އަންނަ ފަރާތްތަކުން ވެސް ވައުދުވެ ވައުދު ނުފުއްދާ ކަމަށެވެ. އަދި އެކަން އެހެން ކުރަނީ އިހްލާސްތެރިކަން ނެތުމުން ކަމަށެވެ.