ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ.

ދާއިމީ ލިސްޓް ރޭގެ ދަންވަރުގެ ވަގުތެއްގައި ނެރެފައި ވާއިރު ގޯތި ލިބޭނެ ތަންތަން ކަނޑައަޅަން އަންނަ އަންގާރަ ދުވަހު ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. ރޭ އިއުލާނު ކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 ފަރާތަކަށެވެ.

އަދި ބާކީ 684 އެ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމާފައި ވަނީ ބިން ލިބިގެންނެވެ. ދާއިމީ ލިސްޓް ރޭ އާންމުކޮށްފައިވަނީ ޝަކުވާ ހުށައެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހު އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ލިބޭ ފަރާތްތަކަށް ގޯތި ދޫކުރުމުގައި ޖޮއިންޓް ކޮށް ގޯއްޗަށް ކުރިމަތިލި ފަރާތްތަަކަށް އިސްކަންދޭނެ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ހުޅުމާލެއާއި ގުޅިފަޅުން ގޯތި ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ގޯތި ލިބޭނެ ސަރަހައްދެއް ކަނޑައަޅާނީ ގުރުއަތު ލައިގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަންނަ އަންގާރަ ދުވަހުން ފެށިގެން ގަލޮޅު ދަނޑުގައި ގުރުއަތުގެ ކަންކަން ކުރިއަށްގެންގޮސް މި ހަފުތާގައި އެ މަސައްކަތް ނިންމައިލަން ރާވާފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަދި ދައުރު ނިމުމުގެ ކުރިން ހުރިހާ އެންމެނަށް ގޯތި ރަޖިސްޓަރީކޮށްދީ ލިޔުން ހަވާލުކުރާނެ ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، ގުޅިފަޅާއި ގިރާވަރުން ދޫކުރާ ގޯތިތައް އިމާރާތްކޮށް މީހުން އާބާދު ވާއިރަށް، އެ ތަންތަނުގެ މަގުތަކާއި، ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތަށް ހިދުމަތްތައް ގާއިމުކުރާނެ ކަމަށެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މިދިޔަ އަހަރުގެ ޖޫންމަހު ތެރޭގައި ހުޅުވާލާފައި ވާއިރު 15164 ފޯމު ވަނީ ގޯއްޗަށް އެދި ހުށަހަޅާފައެވެ. އޭގެތެރެއިން 12،794 މީހުން ޝަރުތު ހަމަވާއިރު ގޯއްޗަށް އެދި ހުށައެޅި ފޯމު ރިވިއުކުރުމަށް ފަހު، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އިއުލާން ކުރީ މި އަހަރު ޖޫން މަހުއެވެ. އަދި ޝަކުވާ ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާއިރު ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ފަރާތްތަކަށްވެސް ވަނީ އިތުރު ފުރުސަތެއް ދީފައެވެ.

"ބިންވެރިޔާ" ސްކީމަކީ މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ފެއްޓެވި ސްކީމެކެވެ.