ހއ. ދިގުފަރާއި އިހަވަންދޫ ގުޅާލުމުގެ އިތުރުން މަސްވެރިންގެ އުންމީދާ ގުޅިފައިވާ ގިނަ ވައުދުތަކެއް މާލޭގެ މޭޔަރު އަދި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިހަވަންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕީޕީއެމް އަކީ ތަރައްގީގެ ފިކުރުގެ ޕާޓީ ކަމަށާއި ރައީސް އަބްދުﷲ ޔާމީނަކީ މި ގައުމަށް ދުވަހަކުވެސް ކުރިން ނުފެންނަ މިންވަރަށް ތަރައްގީ ގެނެސްދެއްވި ތަރައްގީގެ ބާނީ ކަމަށެވެ.

އިހަވަންދޫ އަކީ 4،000 އެއްހައި މީހުންގެ އާބާދީއެއް އޮތް މަސްވެރިކަމުގެ ހަބެއް ކަމަށާއި އެހެންނަމަވެސް މިއަދު އަޑުއިވިގެން ދަނީ އިހަވަންދޫ އަށް ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައި ވާކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތު ނަގާ ކޮޅަށް ޖައްސަވައިދެއްވާނެ ކަމަށާއި މަސްވެރިން އެދޭ ގޮތަށް މަޝްވަރާއާ އެކީގައި ހުރިހާ ކަމެއް ތަރުތީބުކޮށް ކުރިއަށް ގެންގޮސް ދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ މިހާރު ދޯނި ބަންނަމުން ދަނީ ރަށުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ކަމަށާއި ނޭވާލާ ނިޒާމަށް ވަރަށް އުނދަގޫވާ ކަހަލަ ފައިބަރުގެ މަސައްކަތްތައް އެތަނުގައި ކުރަމުންދާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ދިގުފަރު ހިއްކައި ސިނާއީ މަސައްކަތް ކުރާ ބިން އެރަށުން އުފައްދައިދީ އިހަވަންދޫއާއި އެ ރަށާ ގުޅާލަދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިރޭ އިހަވަންދޫގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާ/ ފޮޓޯ: ޕީޕީއެމް

ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން ފިޝް ކަލެކްޝަން ސެންޓަރެއްގެ އުންމީދަކީ އިހަވަންދޫގެ މަސްވެރިން ވަރަށް ބޮޑަށް އެދެމުންދާ ކަމެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެކަންކަން ކޮށްދެއްވުމާއި އާ އައިސް ޕްލާންޓެއް ބަހައްޓާ އެ ރަށުން ތެޔޮ ލިބޭނެ ގޮތް އިންތިޒާމު ކުރައްވާނެ ކަމަށެވެ. އަދި ސިއްހީ ނިޒާމަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑަށް އިސްކަންދެއްވި އެއް ކަންތައްކަމުގައި ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެ ނިޒާމަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދިން ތަރައްގީ ފެންނާނެ ކަމަށާއި އެހެންނަމަވެސް މިހާރު ފެންނަނީ އެކަން އަނެއް ކޮޅަށް ބަދަލުވެފައި ވާތަން ކަމަށެވެ.

އިހަވަންދޫގައި އެކަށީގެންވާ ވަރުގެ ހޮސްޕިޓަލެއް ގާއިމު ކުރެވިފައި ނެތް ކަން ފާހަގަ ކުރައްވައި ފުރަތަމަ އަހަރުގެ ތެރޭގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވައިދެއްވަން މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ. އަދި މުއިއްޒު ވިދާޅުވީ އާބާދީ ބޮޑު ރަށަކަށް އިހަވަންދޫ ވާއިރު އެ ރަށުގެ މަގުތައް ހެދިފައި ނެތް ކަމަށާއި މަގުތައް ހެދުމުން އިގުތިސޯދީ މަސައްކަތްތަކާއި އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ލުއިވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އިހަވަންދޫގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ނެތުމަކީ ހައިރާން ވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެއީ ގާނޫނުން ފޯރުކޮށްދިނުން ލާޒިމުކުރާ އާންމު ހިދުމަތެއް ކަމުން ކުނި އެއްކުރުމާއި ނައްތައިލުމާއި ކުނިން ހަކަތަ އުފެއްދުން ހިމެނޭހެން ވަށާޖެހޭ ކުނި ނައްތައިލުމުގެ ނިޒާމެއް ގާއިމު ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ގެދޮރުވެރިކަމުގެ ސިޔާސަތުތަކާ އެއްގޮތަށް އިހަވަންދޫގައިވެސް ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގައި ފުޅާ ސިޔާސަތުގެ ތެރެއިން އެ ރަށު ރައްޔިތުންނަށްވެސް ގެދޮރު ހޯދުމަށް ފަސޭހަ ލުއި ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށާއި އިހަވަންދޫގައި ކުޅިވަރަށް ހާއްސަކޮށްގެން ކުޅިވަރު ކުޅުމަށްޓަކައި ޒުވާނުންގެ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމު ކުރުމަށްވެސް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.