ބޮލީވުޑްގެ އިތުރުން ތަމަޅަ ފިލްމުތަކުގައި ވެސް މަސައްކަތްކުރި ކުރީގެ ބަތަލާ ޖަޔާ ޕްރަދާއަށް ހަ މަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވައިފިއެވެ.

ބަތަލާ އަށް ޖަލު ހުކުމެއް އައީ އޭނާ އާއި އޭނާގެ ބޭބެ ރާޖާ ބާބޫ ހިންގަމުން އައި ސިނަމާއެއް ބަންދުކުރި އިރު އެތަނުގެ މުވައްޒަފުންގެ އިންޝުއަރެންސަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައެެއްގައެވެ. ޗެންނާއީ ކޯޓުން ހުކުމް ކުރީ ޖަޔާ ހަ މަސް ދުވަހުގެ މުހުލަތަކަށް ޖަލަށް ލުމާއެކު 5000 ރުޕީސްގެ ޖޫރިމަނާ ފައިސާ ދެއްކުމަށެވެ. އެމްޕްލޯއީ ސްޓޭޓް އަށް ދައްކަން ނުޖެހޭ ފައިސާތަކަށް ނުދެއްކުމާއި ގުޅިގެން އޭނާ އަށް ޖަލު ހުކުމެއް އައިރު އާންމުންގެ ނުރުހުން އޭނާ އަށް އަންނަނީ ލިބެމުންނެވެ.

އެމްޕްލޯއީ ސްޓޭޓް އިންޝުއަރެންސް އިން ބުނީ ޖަޔާ އަކީ އާންމުންގެ މެދުގައި މަޝްހޫރު މީހެއް ކަމަށާއި، އާންމުން ދަންނަ މޫނެއް އެފަދަ ގޮތަކަށް އަމަލުކުރުން ބަލައި ނުގަނެވޭ ކަމަށެވެ. އަދި އެ ކުންފުނީގެ ގަވައިދަށް ހުރުމަތްތެރިކޮށް ނުހިތުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ޖަޔާ ފަދަ މަޝްހޫރު މީހުންގެ ފަރާތުން މި ފަދަ އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހަތްދިހައިގެ ފަހުކޮޅު ފިލްމީ ދާއިރާ އަށް ވަތް ޖަޔާ ޕްރަދާ ވަނީ ނުވަދިހައިގެ އަހަރުތަކުގައި ވެސް މަސައްކަތްކޮށްފައެވެ. އަށްޑިހައިގެ އަހަރުތަކުގައި ބެލުންތެރިންގެ ސަމާލުކަން ދަމައިގަތް ޖަޔާ ވަނީ އެކްޓިން ދާއިރާ އަށް ދުރަށް ޖެހިލުމަށްފަހު ސިޔާސީ މައިދާނުން ވެސް ފެނިގެން ގޮއްސައެވެ. އާންމު ގޮތެއްގައި ޖަޔާ މިހާރު ފެނިގެންދަނީ އިންޑިއާ ޓީވީ ޗެނަލުތަކުން ފެންނަ ޝޯތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުގައެވެ. ޖަޔާ އެންމެ ފަހުން ފިލްމަކުން ފެނިގެން ދިޔައީ 2013 ވަނަ އަހަރުގައެވެ.