ދެހާސް ސޯޅަ ވަނަ އަހަރު ގެނެސްދިން ލޯބީގެ އަސަރުގަދަ ފިލްމު "ސަނަމް ތޭރީ ކަސަމް" ގެ ސީކުއަލެއް ގެންނަން އުޅޭކަމުގެ އިޝާރާތެއް ފިލްމުގެ އެކްޓަރު ހަރްޝްވަރްދަން ރާނޭ ދީފިއެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބުނު މި ފިލްމުގެ ސީކުއަލް އާ ގުޅޭގޮތުން މިދިޔަ އަހަރުވެސް ވާހަކަދެކެވުނެވެ. ނަމަވެސް އެއްދުވަސްރެއްގައި އެވާހަކަ ދެއްކުމަށްފަހު ވާހަކަ ހިނދިގެން ދިޔައެވެ. ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ހަރްޝް ބުނީ "ސަނަމް ތޭރީ ކަސަމް" ގެނެސްދިން ޑައިރެކްޓަރުން ކަމަށްވާ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫގެ ފިލްމެއް ކުޅެން އެއްބަސްވި ކަމަށެވެ. ހަރްޝް ބުނީ ރާދިކާ އޭނާ އަށް ގުޅުމަށްފަހު ފިލްމެއްގެ މަސައްކަތްކުރިއަށްދާ ވާހަކަ ބުނި ކަމަށާއި އަދި މި ފިލްމު ކުޅެން ބޭނުންވަނީ އޭނާ ލައްވައި ކަމަށް ބުނި ކަމަށެވެ. ވަގުތުން އިތުރު ސުވާލެއް ނުކޮށް އެ ފިލްމަށް ސޮއިކުރި ކަމަށްވެސް ހަރްޝް ބުންޏެވެ.
"ނޭނގޭ ވަކި ކޮން ފިލްމެއް ކަމެއް. ސަނަމް ތޭރީ ކަސަމްގެ ސީކުއަލެއް ކަމެއް ނޫނީ އެހެން ފިލްމެއް ކަމެއްވެސް ނޭނގޭ،"
ފިލްމުގެ ސީކުއަލްއާ ގުޅޭގޮތުން ހަރްޝް ބުނީ ފިލްމުގެ ދެވަނަ ބައެއް ހަދާނަމަވެސް ބޭނުންވަނީ ފުރަތަމަ ބައިން ފެނިގެންދިޔަ ބާރުކުޑަ ފިރިހެން ކެރެކްޓަރެއްގެ ރޯލު ކުޅެން ކަމަށެވެ. ފުރަތަމަ ބައިން ފެނިގެންދިޔަ ކެރެކްޓާ ދެވަނަ ފިލްމުން ވެސް ފެންނަން ބޭނުންކަމަށާއި އެ ކެރެކްޓާ ބެލުންތެރިން ޖާދޫގައި ޖައްސާލި ކަމަށެވެ.
ޕާކިސްތާން ބަތަލާއެއް ކަމަށްވާ މަވްރާ ހޮކޭން އާއި ހަރްޝް ލީޑު ރޯލުން ފެނިގެންދިޔަ މި ފިލްމު ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ލިބުނު ނަމަވެސް ބޮކްސް އޮފީހުގައި މި ފިލްމަށް އެދެވޭ ވަރުގެ ކާމިޔާބީއެއް ލިބިފައެއްނުވެއެވެ. ސަނަމް ތޭރީ ކަސަމް އަކީ މިއަދު ވެސް ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައިފައިވާ މިއަދުވެސް މީހުން ބަލަމުން އަންނަ ފިލްމެކެވެ.