ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މި ކޭސް ފެނިފައިވަނީ އިއްޔެ ކަމަށާއި މިއީވެސް ރާއްޖެއިން ބޭރުން ބަލިޖެހިގެން ރިޕޯޓް ކޮށްފައިވާ މީހެއް ކަމަށެވެ. މި ކޭސް ފެނުމާ ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުސަތު ދެނެގަތުމާއި އޭނާއާ ކޮންޓެކްޓުވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ކޭސް މޮނިޓާކޮށް މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް އަދި ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، މި ކޭސް އާ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސް އާ ގުޅުމެއް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. މި ކޭސް ފެނިފައިވަނީ ކޮން ތަނަކުން ކަމެއް އެޗްޕީއޭއިން ހާމަކޮށްފައި ނުވެއެވެ.
މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނުނު ހިމަބިހި ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވުމާއެކު ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެ ތެރެއިން ވެކްސިން ފުރިހަމަނުވާ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ބަލި ޖެހިފައިވާ މީހާ އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި ދަތުރުކޮށްފައިވާ ކަމަށާއި ދަތުރުމަތީގައާއި ގެއާއި ހޮސްޕިޓަލްގައި އޭނާއާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ:
- ހުން އައުން
- ހަމުގައި ރަތް ބިހިތަކެއް ނެގުން
- ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން
- ލޯ ރަތްވުން
އެޗްޕީއޭއިން ވަނީ އެއްވެސް ފަރާތްތަކުން އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެދިފައެވެ.