ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީއަށް ސޮއި ކުރަައްވައިފިއެވެ.
އެކަން ޕީއެންސީ އިން ހާމަ ކޮށްފައި ވާއިރު މުއިއްޒު ޕީއެންސީ އަށް ސޮއިކުރައްވާފައި ވަނީ ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާ، ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ މެންބަރުންނަށް ހުޅުވާލުމުންނެވެ.
މުއިއްޒުގެ ފޯމާ ހަވާލުވެ ވަޑައިގެންފައި ވަނީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އެވެ.
ޕީއެންސީއިން ބުނީ މިއަންނަ މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީއިން ކެނޑިޑޭޓެއް ނެރުމަށް މިއަދު ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށާއި އެހެންކަމުން އެ ޕާޓީގެ ފަރާތުން ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި މިއަދު މެންދުރުފަހު 2 ޖެހުމުގެ ކުރިން ޝައުގުވެރިކަން ފާޅުކުރާކަން ބަޔާން ކުރާ ލިޔުމެއް ޕާޓީގެ ރައީސް އަށް އެޑްރެސްކޮށް ފޮނުވުމަށް ޕީއެންސީއިން ވަނީ ބުނެފައެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަ ކުރާނެ ފަރާތެއް ކަނޑައަޅާނީ މިއަދު ހަވީރު 4 ޖަހާއިރު ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ކަމަށް އެ ޕާޓީއިން ބުނެއެވެ.
ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން މުއިއްޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުމަށް ވުރެ ގާތީ ނުލިބުމެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.
މި މައްސަލައިގެ އަޑުއެހުމެއް މާދާމާގެ 2:30 އަށް މިހާރު ވަނީ ތާވަލު ކޮށްފައެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ އާ ގުޅޭގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އީސީ އިން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން އިއްޔެ ވަނީ އީސީ އަށް އަންގާފައެވެ. އީސީން ވަނީ މި މައްސަލާގައި ސުޕްރީމް ކޯޓަށް މިއަދު މެންދުރުފަހު 3 ގެ ކުރިން ޖަވާބު، ފޯމު މެދުވެރިކޮށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.