މިދިޔަ މަހު ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށާއި 7000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފްސީލް ދެމުން އެޗްޕީއޭ އިން ބުނީ، މިދިޔަ ޖޫން މަހާ އަޅާބަލާ އިރު ޖުލައި މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށާއި ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. މިދިޔަ ޖޫން މަހު ބޭރަށް ހިންގައިގެން 3328 މީހުން ރިޕޯޓް ކޮށްފައިވާ އިރު ޖުލައި މަހު އެ އަދަދު ވަނީ 7384 އަށް އިތުރުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ އަހަރުެ އެ މުއްދަތުގައި ބޭރަށް ހިންގުން ރިޕޯޓް ކޮށްފައިވާ މިންވަރަށް ބަލާއިރު، މިއަހަރު އެ މުއްދަތުގައި ރިޕޯޓް ކުރި މިންވަރު ވަނީ އިތުރު ވެފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހު ބޭރަށް ހިންގައިގެން 2352 މީހުން ރިޕޯޓް ކޮށްފައި ވާ އިރު، ޖުލައި މަހު ވަނީ 3103 މީހުން ރިޕޯޓް ކޮށްފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
  • ފާހާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން
  • ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން
  • ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްކައިގެން ބޭނުން ކުރުން.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވަނީ، ޑެންގީ ހުމާއި، އަރިދަފުސް ރޯގާއި، ބޭރަށް ހިންގުމުގެ ތަފާސް ހިސާބެވެ. އެ ގޮތުން މިދިޔަ ޖޫން މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ 568 މީހެކެވެ. އަދި ޖުލައި މަހު ވަނީ 271 މީހަކު ރިޕޯޓް ކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި އަދަދުތައް ދަށްވެފައި ވީ ނަމަވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކުރުމަށާއި ބަލިން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ 25749 މީހެއް ކަމަށާއި އެ އަދަދު މިދިޔަ ޖުލައި މަހު ވަނީ 23206 އަށް ދަށްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބޭރަށް ހިންގުން އިތުރުވެފައިވާ އިރު، އެ ބަލި އެންމެ ބޮޑަށް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. ހާއްސަކޮށް މިދިޔަ ޖުލައި 26 އަށް ފަހު މާލެ ސަރަހައްދުގައި ގިނައިން ކުޑަކުދިން ބޭރަށް ހިންގައި ބަލިވެގެން ޑޮކްޓަރަށް ދައްކާފައި ވެއެވެ. ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވުން އެ ބަލި ފެތުރެން ދިމާވި ސަބަބު ވަނީ ދެނެގެންފައެވެ. އަދި އެކަން ހާމަ ކުރަމުން އެޗްޕީއެއިން ބުނެފައި ވަނީ އެއީ ނޯރޯ ވައިރަސް ކަމަށާއި އެ ވައިރަސް އަކީ ވަރަށް އަވަހަށް ފެތުރޭ ވައިރަސް އެއް ކަމަށް ބުނެފައެވެ. އެ ވައިރަސް އިން ރައްކާތެރި ވުމަށް ސެނެޓައިޒާ ބޭނުން ކުރުމަށް ވުރެ ސައިބޯނި ލައިގެން އަތް ދިވުމަށް އިސްކަން ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.