އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައި ވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ކުރަމުން ގެންދާ މި މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން ބުނީ މި މަޝްރޫއުގައި ހިމެނޭ އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަހްއްދެއްގެ ބަނދަރު ފުންކުރުމާ އަދި 60 މީޓަރުގެ ރިވެޓްމެންޓް ޕްރޮފައިލިން މަސައްކަތް ކުރުމަށް ވަނީ ނިންމާފައި ވެއެވެ. މީގެއިތުރުން 110 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ބޮލާޑް އަދި ވީ-ފެންޑަ ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު 30، 2019ގައެވެ. މި މަޝްރޫއަކީ 68.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި ސަރުކާރުން ހުޅުދޫ އަދި މީދޫގައިވެސް ވަކި ދެ ބަނދަރު ތަރައްގީކޮށްފައިވާއިރު މި މަޝްރޫއުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.