ލުބުނާނުގެ މަޝްހޫރު ސެލެބްރިޓީ ޝެފް އަބީރު އަލް ސާގިރު ދިވެހި ކެއުމެއް ކަމަށްވާ ގަރުދިޔަ އާއި ބަތް ކައްކާ ވީޑިއޯ އަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ޓިކްޓޮކްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ކެއުން ކެއްކުމަށް ފަހު ވީޑިއޯ އަޕްލޯޑު ކުރާ އަބީރު އަކީ 24 އަހަރުގެ ޒުވާން ޝެފެކެވެ. ޓިކްޓޮކްގައި ޖުމްލަ 23 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބޭ އަބީރަށް ވަނީ ޖޯއީ އެވޯޑު މިއަހަރު ލިބިފައެވެ. އެ އެވޯޑު އޭނާ އަށް ލިބުނު ކެޓަގަރީ އަކީ އެންމެ ކަމުދާ އަންހެން އިންފްލުއެންސާގެ ކެޓަގަރީ އިންނެވެ.

އަބީރުގެ ވީޑިއޯތަކުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ކޮންމެ ގައުމެއްގެ ކެއްކުން ކައްކާއިރު އެގައުމެއްގެ ސަގާފީ ހެދުމާއި ދިދަ އަދި އެގައުމެއްގެ ލަވަ ބޭނުންކޮށް ވީޑިއޯ އަޕްލޯޑު ކުރުމެވެ. އޭނާ އަކީ ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ޝެފެކެވެ.

މިހާތަނަށް އަބީރު ކައްކާފައިވާ ކެއުންތަކަކީ އިންޑިއާގެ ރަސްމީ ކެއުން ކަމަށްވާ ބިރިޔާނި، އިޓަލީގެ ލަޒާނިއާ އަދި ޖަޕާނުގެ ސޫޝީއެވެ. ރާއްޖޭގެ ވީޑިއޯއަށް 5 ގަޑިއިރުތެރޭ ވަނީ 6 ލައްކައަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.