މާލެ ސަރަހައްދުގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތަކުން ފެށިގެން ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު ބޭރަށް ހިނގާ، ހޮޑުލާތީ ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު މާލޭގައި ހިންގާ ގިނަ ހޮސްޕިޓަލްތައް ތޮށްޖެހުމުން ބައެއް ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމަށް އިތުރު ތަންތަން ވެސް ހަދާފައި ވެއެވެ.

މި ކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، މިއީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށާއި މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށެވެ. ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިރޯގާއިން ސަލާމަތް ވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް އެޗްޕީއޭއިން ބުނެއެވެ. ސެނެޓައިޒާ ބޭނުން ކުރުމުން އެކަނި ނުފުދޭނެ ކަމަށާއި ސައިބޯނި ލައިގެން އަތް ދޮވުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި ހޭކޭ ތަންތަން ސާފުކުރާ އިރު ސަމާލުވުމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ޓިޝޫ ނުވަތަ ޕޭޕާ ޓަވަލް އިން ސާފުކޮށް، ރައްކާތެރި ގޮތުގައި އުކާލުމަށް ފަހު، އެތަނަކަށް ބްލީޗް އަޅާފައި 5 މިނެޓް ބެހެއްޓުމަށާއި އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށް ފަހު ސައިބޯނި ނުވަތަ ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރުމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރު ކުރުމުގައި ބައިވެރިނުވުމަށާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ބުނެއެވެ.