ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރު މަގާމު ލިބިވަޑައިގެންނެވި މުހައްމަދު އަހުމަދު ހުސައިން (ހަަނަފީ) އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އާއިލާގެ 60 މެންބަރުންނާއެކު މިއަދު ހަނަފީ އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު ހަނަފީ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ހަނަފީ ޖުމްހުރީ ޕާޓީއިން ވަކިވެވަޑައިގެންނެވިއިރު އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ނައިބު ލީޑަރު ކަމަށް ވާދަކުރައްވައި، އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންފައެވެ.

މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ކަމަށް ހަނަފީ އައްޔަންކުރައްވާފައި ވާއިރު އޭނާ ޖޭޕީއިން ވަކިވެވަޑައިގެންނެވީ އެ މަގާމަށް އައްޔަން ކުރެއްވިތާ 24 ގަޑިއިރު ނުވަނީހެވެ.

ގާސިމަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި ހަނަފީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވިސްނުން މިވަގުތު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގައި ގަބޫ ލުނުކުރެއްވޭ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ގާސިމްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ހަނަފީގެ އިތުރުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ވަރަށް ގިނަ ބަޔަކު ވަނީ އެ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިފައެވެ. އެހެންނަމަވެސް ބައެއް ބޭފުޅުން ޖޭޕީގައި ތިއްބަވައިގެން ރައީސް ސޯލިހަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ފިޝަރީޒް މިނިސްޓަރު ހުސެން އާއި ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނިވަޑަައިގަންނަވައެވެ.