އެސް އެސް ރާޖަމޯލީ ޑައިރެކްޓްކޮށް މިދިޔަ އަހަރު ރިލީޒްކުރި ތެލެގޫ ފިލްމު "އާރްއާރްއާރް" ގެ ސީކުއަލެއް އަންނާނެކަމަށް ފިލްމުގެ ވާހަކަލިޔުންތެރިޔާ ވިޖޭޖެންދްރާ ޕްރަސާދު ބުނެފިއެވެ.

ވިޖޭ ބުނީ މިހާރު ކުރިއަށް ދަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކަމަށާއި ފިލްމުގެ ޝޫޓިން ފަށާނީ އެފްރިކާ އިން ކަމަށެވެ. މި ފިލްމުގައި ފުރަތަމަ ބައިން ފެނިގެންދިޔަ ރާމް ޗަރަން އާއި އެންޓީއާރު ޖޫނިއަ ވެސް ފެނިގެންދާނެ ކަމަށްވެސް ވިޖޭ ވަނީ ބުނެފައެވެ. އާރްއާރްއާރް ވެގެން ގޮސްފައިވަނީ އިންޑިއަން ސިނަމާގެ ފިލްމެއް ދުނިޔޭގެ ސިނަމާތަކުގައި އަޅުވައިގެން އެންމެ ބޮޑު އާމްދަނީ އެއް ހޯދި ފިލްމަށެވެ.

ވިޖޭ ބުނީ މިވަގުތު ރާޖަމޯލީ، އޭނާގެ ކުރިއަށް އޮތް ފިލްމު "މަހޭޝް ބާބޫ"ގެ މަސައްކަތުގައި ބިޒީކޮށް އުޅެމުން އަންނަ ކަމަށާއި މި ފިލްމު ޑައިރެކްޓްކުރުމާއި ގުޅޭގޮތުން ވިސްނާނީވެސް އެ ފިލްމުގެ މަސައްކަތް ނިންމުމަށްފަހު ކަމަށް ވިޖޭ ބުންޏެވެ. ވިޖޭ ބުނީ އޭނާގެ ދަރިފުޅު ރާޖަމޯލީ އެހެން ފިލްމެއްގެ ކަމަކާ މިވަގުތު ނުވިސްނާ ހުރިހާ ސަމާލުކަމެއް ދެނީ އޭނާގެ ކުރިއަށް އޮތް ފިލްމަށް ކަމަށެވެ. އަދި ސްކްރިޕްޓް ނިމުމުން ރާޖަމޯލީ އަށް ސްކްރިޕްޓް ކިޔަން ދޭނެ ކަމަށާއި ސްކްރިޕްޓް ކަމުގޮސްފިނަމަ އެ ފިލްމު ޑައިރެކްޓްކުރާނީ އޭނާ ކަމަށްވެސް ވިޖޭ ވަނީ ބުނެފައެވެ. މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވިޖޭ ބުނީ އާރްއާރްއާރް ފިލްމުގެ ދެވަނަ ބައި ޑައިރެކްޓްކުރާނީ ހޮލީވުޑް ޑައިރެކްޓަރެއް ކަމަށެވެ.

މި ފިލްމުގެ ލަވަ "ނާޓު ނާޓު" އަށް ވަނީ އޮސްކާ އެވޯޑު ވެސް ލިބިގެން ގޮއްސައެވެ. އެއާއެކު މި ފިލްމު ވަދެގެން ދިޔައީ އިންޑިއަން ސިނަމާގެ ތާރީހުގެ ތެރެއަށެވެ.