ދެހާސް އެއްވަނަ އަހަރު އަނިލް ޝަރްމާގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދިން ފިލްމު "ގަދަރު: އޭކް ޕްރޭމް ކަތާ" ވެގެންދިޔައީ މުޅި ސިނަމާ ފަތަހަކޮށްލި ފިލްމަކަށެވެ. ކްރިޓީކުންގެ އިތުރުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ފިލްމު އޭރުގެ އެންމެންވެސް ސިފަކުރީ ފިލްމަކީ އިހުސާސެއް ގޮތުގައެވެ. އަމީޝާ ޕަޓޭލް އާއި ސަނީ ޑިއޯލް ލީޑު ރޯލު ކުޅުނު މި ފިލްމަކީ އިންޑިއާ ދެބައިވެ ޕާކިސްތާން އުފެދިގެން އައި ދުވަސްވަރު ހިނގި ލޯބީގެ އަސަރުގަދަ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމުގެ ދެވަނަ ބައި 22 އަހަރު ފަހުން ގެނެސްދޭން އުޅޭކަން އިއުލާންކޮށް މި ފިލްމުގައި ވެސް އަމީޝާ އާއި ސަނީ ފެނިގެންދާނެ ކަން އިއުލާންކުރުމުން ފިލްމުގެ ފޭނުންނަށް ބޮޑު އުފަލެއް ލިބުނެވެ. އަދި ހާއްސަކޮށް ފިލްމުގެ ލީޑު ތަރިއަކީ "ގަދަރު"ގެ ފުރަތަމަ ބައިގައި ކުޑަކުއްޖާގެ ރޯލު ކުޅުނު އުޓްކަރްޝް ޝަރުމާ ކަން ހާމަވުމުން ގިނަ ބަޔަކު ވަރަށް ހައިރާންވިއެވެ. އަދި މި ފިލްމަކީ ސީކުއަލެއްގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ހުރި ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ސީކުއަލެއް ހަދާނަމަ ފިލްމުގެ ކުރީ ބައިގެ އެކްޓަރުން ހިމަނައިގެން ޖެހިގެން އޮންނަ ބައި ހެދުމުން ފިލްމުގެ ޖާދޫގައި ގިނަ ބަޔަކު ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާއަށް ގިނަ ބައެއް ތައުރީފްކުރިއިރު ޓްރެއިލާ ބެލުމުން ކުރީގެ ހަނދާންތައް އާވިކަމަށް ބުންޏެވެ. މި ފިލްމަކީ މިއަހަރު ސިނަމާއަށް އަންނާނެ ބްލޮކްބަސްޓާ ފިލްމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު މި ފިލްމުގެ ޓްރެއިލާގައި ސަނީގެ ޑައިލޮގްތައް ފުރިހަމަވެފައި، އަސަރުގަދަ ކަމަށް ވެސް ފޭނުން ބުންޏެވެ.
"ގަދަރު: އޭކް ޕްރޭމް ކަތާ" އަކީ އޭރު ބޮލީވުޑްގައި ނެރުނު އެންމެ މަގްބޫލު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. 185 މިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 1.33 ބިލިއަން އިންޑިއަން ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. މި ފިލްމުގެ ދެވަނަ ބައި އުފައްދާފައިވަނީ 500 މިލިއަން އިންޑިއަން ރުޕީސްގެ ބޮޑު ބަޖެޓަކުންނެވެ.