ދުނިޔެ އަކީ ވައް އެއްޗެއް ނުވަތަ ވައް ބައްޓަމަށް އޮންނަ އެއްޗެއް ކަމަށް ބުނާ ތިއަރީއާ ތަފާތު ތިއަރީއެއް ސައިންސްވެރިން ނެރެފިއެވެ.

1948 ގައި ފުރަތަމަ ފަރަހަށް ފާހަގަ ވި ގްރެވިޓީ ހޯލް ނުވަތަ ފުން އަޑިގަނޑުގެ ދިރާސާތަކަށް ފަހު ޖިއޮލޮޖިސްޓުން ބުނީ، ދުނިޔެ އޮންނަނީ އަޑިގުޑަން ގިނަ އަލުއްވެއްގެ ގޮތަށެވެ.

ޖިއޮލޮޖިސްޓުން ޓެކްނޮލޮޖީގެ އެހީގައި ކުރި ދިރާސާތަކަށް ފަހު އާންމު ކޮށްފައި ވަނީ އެގޮތުން ފާހަގަވާ އެންމެ ބޮޑު އަޑިގަނޑު ނުވަތަ ގްރެވިޓީ ހޯލް އޮންނަނީ އިންޑިއާ ކަނޑުގައި ކަމަށެވެ. ދުނިޔެ އެނބުރެމުން ދާ އިރު، ވަށާ ދައުރުކުރާ ކަނދުގެ ލޮނުގަނޑު އެހެން ހުރިހާ ދިމާއަކަށް ވުރެ އެދިމާއިން 328 ފޫޓު އަޑިވާ ކަމަށާއި އެކަން އެހެން ވަނީ، ދުނިޔޭގެ ގްރެވިޓޭޝަނަލް ފޯސް ނުވަތަ ދުނިޔެއަށް ދަމާ ބާރު އެ ދިމާގައި ކުޑަވުމާއި އެ ދިމާ އޮންނަލެއް އަޑިކަމުން ކަމަށެވެ.

ބެލްގަލޫރުގައި ހުންނަ އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސް އިން ކުރި ތަހުލީލުތަކުން އެނގުނީ، އަލިފާން ފަރުވަދަ ގޮވާއިރު އުފެދޭ މެގްމާ [ފަރުބަދައިގެ ތެރެއިން ބޭރަށް ނުކުންނަމުންދާ ހޫނު އާވި] ފަދައިން ދުނިޔޭގެ ބިމުންވެސް އާވި ނުކުންނަމުން ދާ ކަމަށެވެ.

ޖިއޮލޮޖިސްޓުން ކޮމްޕިއުޓަރުގެ އެހީގައި އެސަރަހައްދުގެ މޮޑެލްތައް ތައްޔާރުކޮށް ބަދަލު އަންނަމުން ދިޔަ ގޮތް މީގެ 140 މިލިއަން އަހަރު ކުރިއާ ހަމައަށް ކުރަހާފައި ވެއެވެ.

"އެއިން އެނގުނީ ދުނިޔެއަކީ ވައްއެއްޗެއް ނޫންކަން، ނަމަވެސް އެހީ އަޑިގުޑަން ބޮޑު އަލުއްވެއް ފަދަ އެއްޗެއް، އެހެން މިބުނީ، ދުނިޔެ އެނބުރެމުން ދާ އިރު އަބަދުވެސް މެދު، މެދާ ދިމާވާ ބައި ބޭރަށް ނުކުމޭ، އެހެންވީމާ ވައްނޫންކަން އެނގޭ"
ގޯޝް

ސެންޓާ ފޯ އާތް ސައިންސަސް އޮފް ދަ އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ޖިއޮލޮޖިސްޓް އަދި އެސޯސިއޭޓް ޕްރެޮފެސަރު އަދި މި ދިރާސާ ކުރުމުގެ އެއް ބާނީ އަތްރެޔޭ ގޯޝް ވިދާޅުވީ، ދުނިޔެއަކީ އެ ވަށާ އޮންނަ ހުރިހާ ސަރަހައްދެއްގެ ޑެންސިޓީ އާއި ސިފަތައް އެއްގޮތް ތަނެއް ނޫން ކަމަށާއި ބައެއް ސަރަހައްދުތަކުގައި ޑެންސިޓީ މަތިވެ ދަށްވާއިރު ގްރެވިޓީވެސް އެގޮތަށް ތަފާތުވެގެން ދާ ކަމަށެވެ. މިސާލަކަށް އޭނާ ވިދާޅުވީ ބިމަށް ފެންއެއްޗެއް އޮއްސާލުމުން އެ ބިމަށް ދަމައިގަންނަ ގޮތާއި ބާރުމިނާއި ސިފަތައް އެ އޮއްސާލާ ދިމާލެއްގެ ބިމުގައި ހުންނަ މައުދަނުގެ ގޮތުން ތަފާތުވެގެން ދާނެ ކަމަށެވެ.

އިންޑިއާ ކަނޑުން މި ފެނުނު ގްރެވިޓީ ހޯލްގެ ބޮޑުމިނުގައި 3 މިލިއަން ސްކެއާ ކިލޯމީޓަރު ހުންނަ ކަމަށް ދިރާސާ ބުނެއެވެ.

ގޯޝް އާއި އޭނާގެ ޓީމުން ކުރި ދިރާސާގެ އަލީގައި ފާހަގަވި އަނެއް ކަމަކީ ދުނިޔޭގެ ބައްރުތައް މީގެ 140 މިލިއަން އަހަރު ކުރިން ހުރީ މިހާރު ފެންނަން ހުރި ގޮތަށް ނޫން ކަމަށާއި ސިމިއުލޭޝަން [ކޮމްޕިއުޓަރުގެ އެހީގައި އުފައްދާ މަންޒަރުތައް] ބަލާ ދިރާސާ ކުރުމުން އެނގުނީ އިންޑިއާ ވެސް އޮތީ މިހަރު ފެންނަން އޮތް ތަނުގައި ނޫން ކަމަަށެވެ.

ގޯޝް ވިދާޅުވީ، 140 މިލިއަން އަހަރުގެ ކުރިއަށް ދާ އިރު، އިންޑިއާ ޕެލޭޓާއި އޭޝިއާ އާ ދެމެދު މާސިންގާ ބޮޑު ކަނޑެއް އޮތް ކަމަށާއި މަޑުމަޑުން އުތުރު ތަނޑިއަށް ޖެހެމުން ޖެހެމުން ގޮސް އިންޑިއާ އޭޝިއާ އާ އެއްވެ އެ ކަނޑު ފޮރުވިގެން ގޮސްފައި ވާ ކަމަށެވެ. އަދި މިހާރު އެފެންނަ ގްރެވިޓީ ހޯލު އުފެދުމުގެ އަސްލަކީ ދުނިޔޭގެ ޕެލޭޓް ތަކަށް އަންނަމުން ދިޔަ ބަދަލުތައް ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ޓީމުން ބުނީ، އެ ގްރެވިޓީ ހޯލް އުފެދެން ފަށާފައި ހުރީ މީގެ 20 މިލިއަން އަހަރުގެ ކުރިން ކަމަށާއި ކުރިއަށް އޮތް މުސްތަގުބަލުގައި އެ ހޯލް ގެއްލި ހިނގައިދާނެ ކަމަށް ބުނަން ނޭނގޭ ކަމަށެވެ.