2012 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ ތިން ވަނަ ބައެއް އަންނާނެކަން ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.
ކަރަން ބުނީ މި ފިލްމު ދެން ގެނެސްދޭނީ ފްރެންްޗައިޒެއްގެ ގޮތަށް ނޫންކަމަށާއި އޭގެ ބަދަލުގައި ވެބް ސީރީޒެއްގެ ގޮތަށް ކަމަށެވެ. އަދި ސީރީޒްގެ ސްކްރިޕްޓް މަސައްކަތް މިހާރު ނިމި، މިއަހަރު ޕްރޮޑަކްޝަން މަަސައްކަތްވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކަރަން ބުންޏެވެ. މަޝްހޫރު ކަޕޫރު އާއިލާގެ އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރު ބޮލީވުޑަށް ތައާރަފްވާ މި ސީރީޒަކީ ހުރިހާ ގޮތަކުންވެސް ކަމުދާނެ ސީރީޒެއް ކަމަށް ކަރަން ވަނީ ބުނެފައެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ޝޫޓިން މިއަހަރު ފަހުކޮޅު ފަށާނެއެވެ. މިއީ ދަރުމާ ޕްރޮޑަކްޝަންގެ ފުރާޅުގެ ދަށުން ގެނެސްދޭ ސީރީޒްއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު މި ފިލްމުގެ ދެވަނަ ބައެއް ގެނެސްދިން އިރު އެ ފިލްމުން ފެނިގެންދިޔައީ ތާރާ ސުތައިރާ، ޓައިގާ ޝްރޮފް އަދި އަނަންޔާ ޕާންޑޭއެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ވަރުން ދަވަން، އާލިއާ ބަޓް އަދި ސިދާތް މަލްހަތްރާއެވެ. ސްޓޫޑަންޓް އޮފް ދަ އިއާ އަކީ ހިންދީ ސިނަމާއަށް ތަރިން ތައާރަފްކުރާ ފިލްމެކެވެ. ޓައިގާ ފިޔަވާ ހުރިހާ ތަރިންނަކީ ވެސް ސްޓޫޑަންޓް އޮފް ދަ އިޔާ އިން ބޮލީވުޑަށް ތައާރަފްވި ތަރިންނެވެ. އޭގެ ތެރޭގައި ވަރުން، އާލިއާ އަދި ސިދާތް އަކީ މިވަގުތު ބޮލީވުޑްގެ އޭ ލިސްޓް ތަރިންގެ ތެރޭގައި ހިމެނޭ ތަރިންނެވެ.