އެމެރިކާގެ އަލަސްކާ އަށް ރިކްޓާ މިންގަނޑުން 7.4 ގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

އެގައުމުގެ ޖޮއޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ ބިންހެލުން އައީ ބިމުގެ އަޑިން 9.3 ކިލޯމީޓަރަށް ކަމަށާއި ސުނާމީއެއް އެރުމުގެ ފުރުސަތު އޮތް ކަމަަށެވެ.

ބިންހެލުމުގެ އަސަރު އަލަސްކާ ސަހަރައްދާއި އަލޫޝިއަން އައިލޭންޑްސް އާއި ކުކް އިންލެޓް ސަރަހައްދަށް ކޮށްފައި ވާ ކަމަށެވެ.

އަލަސްކާ އަކީ މީގެ ކުރިންވެސް ބާރުގަދަ ބިންހެލުމެއް އައި ސަރަހައްދެކެވެ. 1934 ގައި އައި ބިންހެލުމަކީ ރިކްޓާ މިންގަނޑުން 9.2 ގެ ބާރުމިން ހުރި ބިންހެލުމެކެވެ. އެފަހަރު އެރި ސުނާމީގައި އަލަސްކާ އާއި އެމެރިކާގެ ހުޅަނގު ބިތުގެ ގޮނޑުދޮށާއި ހަވާއީއަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

އަދި އެ ހާދިސާގައި 250 މީހަކު މަރުވެފައި ވެސް ވެއެވެ.

ސުނާމީ އަކި ބާރުގަދަ ބިންހެލުމާ ގުޅިގެން އަންނަ ލޮޅުމާއެކު ކަނޑުގެ ލޮނުގަނޑު އުފުލި ހިކިފަސް ތަންތަނަށް އަރާ ބޮޑު ރާޅަކަށް ކިޔާ ނަމެކެވެ.

2004 ވަނަ އަހަރު އިންޑޮނީޝިއާގެ ސްމަޓްރާއަށް އައި ބާރުގަދަ ބިންހެލުމުގައި އެގައުމުގެ ގިނަ ޝަހަރުތަކެއް ސުންނާފަތިވެގެން ދިޔަ އިރު އެ ބިންހެލުމާއެކު އުފެދުނު ސުނާމީގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ރާއްޖެއިން 82 މީހުން މަރުވި އިރު ވީނުވީއެއް ނޭނގި 26 މީހަކު ގެއްލިފައި ވެއެވެ.

ރާއްޖެއަށް ލިބުނު ގެއްލުން 400 މިލިއަން ޑޮލަރަށް އެރި އިރު ރާއްޖެ އާރާސްތު ކުރަން އެހީދޭ ގައުމުތަކުންނާއި އިދާރާތަކުން ގިނަ އަދަދެއްގެ ފައިސާ ވެސް ދިނެވެ. 14 ރަށަކުން އެއްކޮށް މީހުން ހުސްކޮށް އެހެން ރަށްރަށަށް ބަދަލު ކުރަން ޖެހުނު އިރު 21،663 މީހަކު އެކި ރަށްރަށަށް ބަދަލު ކުރިއެވެ.