ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ކުރަން ފެށުމަށް ޖުލައި14، 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 366 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1859 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 10 މީޓަރުގެ ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ސަބަބުން ރަށުގައި އޮތް ބާވެފައިވާ ކުޑަ ބަނދަރުގެ ބަދަލުގައި، ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް މުސްތަގުބަލުގައި ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށެވެ.

ނޭކުރެންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރު 44.92 މިލިއަން ރުފިޔާއަށެވެ.