ހަނދުގެ އަނދިރި ފަރާތަށް ދިޔުމަށް އިންޑިއާއިން ކުރަމުން ދާ މަސައްކަތުގެ ދަށުން 3 ވަނަ ދަތުރު މިއަދު ފުރާނެއެވެ.
އޯބިޓަރަކާއި ލޭންޑަރެއް އަދި ރޯވާއެއް ހިމެނޭ ރޮކެޓް، ޗަންދްރަޔާން 3 މިއަދު އުދުއްސާލާ އިރު މި ދަތުރު ކާމިޔާބު ވެއްޖެ ނަމަ ސްޕޭސް އެކްސްޕްލޯރޭޝަން [ޖައްވީ ހޯދުންތައް] ގައި އިންޑިއާ ތާރީހުގެ ތެރެއަށް ވަދެގެންދާނެއެވެ.
މިހާތަނަށް 3 ގައުމަކަށް ހަނދަށް ދެވުނު ކަމަށް ރެކޯޑްތަކުން ދައްކާ އިރު އިންޑިއާ ވާނީ 4 ވަނަ ގައުމަށެވެ. މީގެ ކުރިން ދިޔައީ އެމެރިކާ، ރަޝިއާ އަދި ޗައިނާއެވެ.
މީގެ ކުރިން އުދުއްސާލި 2 ރޮކެޓް ފެއިލްވުމުން ދިމާވި މައްސަލަތައް ހައްލު ކޮށް ކުރާ މި ދަތުރު ކާމިޔާބު ވެއްޖެ ނަމަ އަންނަ އޯގަސްޓް 23 ނުވަތަ 24 ގައި އުޅަނދު ހަނދަށް ތިރި ކުރާނެއެވެ.
13 އަހަރުގެ ބުރަ މަސައްކަތުން ހަނދަށް ފޮނުވާ މި އުޅަނދުން ހަނދުގެ އަނދިރި ފަރާތުގެ މަންޒަރުތައް ފޮޓޯ ނެގުމާއި، ފެން ހުރިތޯ ތަހުލީލު ކުރުމާއި ދުވާލުގެ ވަގުތުތަކުގައި ހަނދުގެ އެޓްމޮސްފިއާ އޮންނަ ގޮތް ދެނެގަންނާނެއެވެ.
އިންޑިއާ އިން ހަނދަށް ދާން ކުރާ ދަތުރުގައި 2 ވަނަ އަށް ފޮނުވާލި ރޮކެޓްގެ އޯބިޓާ މިއަދުވެސް ހަނދުވަށާ ބުރު ޖެހި ނަމަވެސް ހަނދަށް ޖައްސަން އުޅުނު އުޅަނދު ވަނީ ޖައްސަން އުޅުމުގެ ތެރޭގައި އޭގެ ބްރޭކި ސިސްޓަމަށް ދިމާވި މައްސަލައެއްގައި ގޮވާ ކުދިކުދިވެފައެވެ.
3900 ކިލޯގެ ބަރުދަން ހުންނަ 75 މިލިއަން ޑޮލަރުގެ މި ރޮކެޓުގެ އަމާޒަކީ 2019 ގައި ކުރި ދަތުރުފަދައިން ހަނދުވަށާ ދުއްވާ އޯބިޓާ ދޫކޮށްލުމަށް ފަހު ލޭންޑާ ހަނދަށް ޖެއްސުން ކަމަށާއި އޭގެ ފަހުން ރޯވާ ބޭނުން ކޮށްގެން ހަނދުގެ އެކިތަންތަން ދެނެގަތުން ކަމަށް އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ބުނެއެވެ.
ހަނދަށް 3 ގައުމަކަމުން ގޮސްފައި ވީ ނަމަވެސް ހަނދުގެ ދެކުނު ތަނޑީގެ ދިރާސާތައް އަދި މިހާތަނަށް ކުރެވިފައެއް ނުވެއެވެ. އެއީ ހަނދުގެ އަނދިރި ފަރާތެވެ. ނުވަތަ ހިޔަނި އެޅި އަލިކަން ނުވާ ހިސާބެއެވެ. އާންމުކޮށް އަލި އެޅިފައި އޮންނަ އުތުރު ތަނޑިއަށް ވުރެ ދެކުނު ތަނޑި ބޮޑެވެ.
އިންޑިއާގެ ސްޕޭޝް ސައިންޓިސްޓުން ގަބޫލު ކުރަނީ ހަނދުގެ އަނދިރި ފަރާތުގައި ފެން ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެ ހީ ޔަގީން ކުރުމަށް 2008 ގައި ފޮނުވި ޗަންދްރަޔާން 1 އިން ފެނުގެ އަސަރު ދެނެގަނެވުނު ކަމަށް މީގެ ކުރިން ބުނެފައި ވީ ނަމަވެސް އެއީ އަދި މުޅިން ސާބިތު މައުލޫމާތެއްގެ ގޮތުގައި ނާސާއިންވެސް ނިންމާފައެއް ނުވެއެވެ.
މިހާރު ހަނދުގެ އޯބިޓުގައި ދަތުރު ކުރަމުން ދާ އިންޑިއާގެ އޯބިޓާގެ އެހީގައި ގިނަ މައުލޫމާތު ތަކާއި ފޮޓޯތައް ލިބެމުން ދާއިރު އެ މައުލޫމާތުގެ އަލީގައި މިފަހަރުގެ މިޝަން ފުރިހަމައަށް ކާބިޔާބު ކުރެވޭ ކަމަށް އިންޑިއާ އިން ބުނެއެވެ.