ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ހިދުމަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ޖުލައި 13 އިން ފެށިގެން ޖުލައި 19 އަށް އެއް ހަފުތާގެ މުއްދަތަށް އާރ.ްޓ.ީއެލް ފެރީދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށެވެ.

އެމްޓީސީސީން ބުނީ ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުންކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ވަނީ މި މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދުމަށް އެ ރަށެއްގެ ރަށު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

އިތުރަށް އެމްޓީސީސީން ބުނީ ޖުލައި 20. 2023 އިން ފެށިގެން ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގެ އާރ.ްޓ.ީއެލް ފެރީ ހިދުމަތުން ފައިސާ ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ދޭން ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނެކަމަށެވެ. އަދި އެދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނީ ރަސްމީކޮށް އަގުނަގައިގެން ހިދުމަތް ދޭން ފެށުނުކަމުގައި ވީ ނަމަވެސ،ް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެކަމަށެވެ.

އާރ.ްޓ.ީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ އަދި އާރްޓީއެލް އުޅަނދުތަކުގެ ކައްޕިންނާ ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ހާއްސަ ތަމްރީންތަށް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. މި އުޅަނދު ތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ވީލްޗެއަ ސްޕޭސް އާއިސްޓްރެޗަ ސްޕޭސް ހުންނާނެއެވެ.

ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގެ އާރ.ްޓީ.އެލް ފެރީ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރ.ްޓ.ީއެލް ބްރޭންޑްގެ 6 ސްޕީޑްފެރީ މެދުވެރިކޮށް 9 ރޫޓަކުން ލިބިގެންދާނެއެވެ. އަދި އާރ.ްޓ.ީއެލް ފެރީ ހިދުމަތުގެ ޝެޑިއުލް އާރް.ޓ.ީއެލް ވެބްސައިޓު އަދި އާރް.ޓ.ީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރެއްވީ ޖެނުއަރީ 17، 2021 ގައެވެ.