ހާސް އަށާރަވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ސްޓްރީ" ގެ ސީކުއަލްގެ ޝޫޓިން ބަތަލާ ޝްރައްދާ ކަޕޫރު ފަށައިފިއެވެ.

ފިލްމުގެ ފުރަތަމަ ބައިގެ ލީޑު ރޯލު ކުޅުނު ޝްރައްދާ އާއި ރާޖްކުމާރު ރާއޯ މި ފިލްމުގެ ދެވަނަ ބައިން ވެސް ފެނިގެންދާއިރު ޝްރައްދާ މި ފިލްމުގެ ޝޫޓިން އަށް ޗަންދޭރީ އަށް ވަނީ ގޮއްސައެވެ. މި ފިލްމުގެ ޝޫޓިން ފެށުމަށް ޗަންދެރީ އަށް ދަމުން ޝްރައްދާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގެ ސްޓޯރީގައި ފޮޓޯއެއް ހިއްސާކޮށް ޝޫޓިން ފެށުމަށް ކެތްމަދުވެފައިވާ ވާހަކަ ބުނެފައެވެ.

ޝްރައްދާ އާއި ރާޖްކުމާރުގެ އިތުރުން ފިލްމުން ދެން ފެނިގެން ދާނީ ކުޅަދާނަ އެކްޓަރު ވަރުން ދަވަން އެވެ. ހޮރޯ ކޮމެޑީ ޖޯންރާ އަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމުގެ ސީކުއަލް ފަށާނީ ފިލްމުގެ ފުރަތަމަ ބައި ނިންމާލި ހިސާބުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ފިލްމުގައި ވަރުންގެ ރޯލު ކުޑަ ނަމަވެސް ވަރުންގެ ކެރެކްޓާ އަކީ ފިލްމުގެ ޕްލޮޓަށް ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށާއި އެ ކެރެކްޓާ ފިލްމުގެ ޕްލޮޓަށް އަސަރު ކުރާނެ ކަމަށެވެ.

އަންނަ އަހަރުގެ އޮގަސްޓް މަހު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ މި ފިލްމަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް އަމަރު ކޯޝިކް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ސްޓްރީ އަކީ ޝްރައްދާ އާއި ރާޖްކުމާރު އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމުގައި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައެވެ. އިންޑިއާގެ ބޯޕާލްގެ އަވަށެއް ކަމުގައިވާ ޗަންދޭރީގެ މީހުން ގަބޫލު ކުރާ ގަބޫލުކުރުމެއްގެ މައްޗަށް އުފައްދައިފައިވާ މި ފިލްމުގެ ފުރަތަމަ ބަޔަށް ވަނީ 100 ކުރޯޑަށްވުރެ ގިނަ އާމްދަނީ ލިބިފައެވެ.