ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރު ޝާހްރުކް ހާން ގެ ކުރިއަށް އޮތް ފިލްމު "ޖަވާން" ގެ ޝޫޓިންގެ ތެރެއިން އަނިޔާވެގެން އެކްޓަރު ސާޖަރީއެއް ކޮށްފިއެވެ.

ޕިންކްވިލާ އިން ބުނީ ލޮސް އޭންޖަލަސް ގައި "ޖަވާން"ގެ ޝޫޓިން ކުރިއަށް ދިޔަ އިރު ޝާހުގެ ނޭފަތަށް އަނިޔާވެ ގިނަ އަދަދަކަށް ލޭ ފޭބުމުގެ ސަބަބުން ލޮސް އޭންޖަލްސްގެ ހޮސްޕިޓަލަކަށް ވަގުތުން ދިޔަ ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފާދިނީ ވީ އެންމެ އަވަހަކަށް ނޭފަތުގެ ކުޑަ އޮޕަރޭޝަނެއް ކުރަން ކަމަށާއި ވަގުތުން އެ އޮޕަރޭޝަން ކުރި ކަމަށެވެ. ނޭފަތުގެ ކުޑަ އޮޕަރޭޝަނަށް ފަހު ޝާހް މިހާރު އެނބުރި މުމްބާއީ އަށް ގޮސްފައި ވާއިރު ފިލްމުގެ ޝޫޓިން ދެން ފަށާނީ އޭނާ އެއްކޮށް ރަނގަޅުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލޮސް އޭންޖަލްސް ގައި އޮޕަރޭޝަން ކުރުމަށްފަހު ޝާހު އެނބުރި މުމްބާއީ އަށް ދިޔައީ އޭނާގެ ރިކަވަރީ ވަގުތުގައި އާއިލާ ގާތު ހުރުމަށް ބޭނުންވެގެންނެވެ. "ޕަތާން"ގެ ބޮޑު ކާމިޔާބީއަށް ފަހު އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެންދާ "ޖަވާން" ގެ ޓްރެއިލާ އަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނައިރު ފޭނުން އިންތިޒާރު ކުރަނީ ފިލްމު ރިލީޒްކުރާނެ ދުވަހަކަށެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. މި ފިލްމުގެ ކުރު ޓީޒާ އެއް ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައި ވާއިރު މި ފިލްމު ވެގެންދާނީ މިއަހަރު ސިނަމާތުގައި ފެނިގެންދާ ޝާހުގެ ދެވަނަ ފިލްމަށެވެ.

ޖުމްލަ 26.8 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ ވަރުގަދަ އެކްޝަން ތުރިލާ އަކީ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ އެޓްލީ ކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. "ޖަވާން" އަކީ ޝާހު އާއި އެޓްލީ އެކުގައި ކުރާ ފުރަތަމަ މަސައްކަތް ވެސްމެއެވެ. އެޓްލީ އަކީ ސައުތު އިންޑިއާ ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ޑައިރެކްޓަރެކެވެ. މި ފިލްމުގައި ޝާހު އާއެކު ފެނިގެންދާނެ ތަރިންނަކީ ނަޔަންތަރާ، ވިޖޭ ސެތުޕަތީ، ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް އެވެ. މީގެ އިތުރުން މި ފިލްމުން ދީޕިކާ ޕަޑުކޯން، ސަންޖޭ ދަތު އަދި ތަމަޅަ އެކްޓަރު ވިޖޭގެ އެކްޓިން ވެސް ފެނިގެންދާނެއެވެ.