މިހާރު ރާއްޖޭގައި އޮތް 9 ސިޔާސީ ޕާޓީތަކުގެ ތެރެއިން މެންބަރުން އެންމެ މަދުން ތިބެންޖެހޭ އަދަދު ކަމަށްވާ 3،000 ހަމަނުވާ ހަމައެކަނި ޕާޓީއަކީ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިިދިޔަ މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު އީސީން ހާމަކޮށްފައިވާ އިރު، އެމްއާރްއެމްގައި ތިބި މެންބަރުގެ އަދަދަކީ 2892 އެވެ. 3000 މެންބަރުން ހަމަކުރަން އެ ޕާޓީއަށް އަދި 108 ފޯމް ބޭނުންވެއެވެ.

3000 މެންބަރުން ހަމަވި ނަމަވެސް އެންމެ މަދުން މެންބަރުން ތިބި ދެ ޕާޓީގެ ތެރޭގައި ދެން ހިމެނެނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. އެމްޓީޑީގައި މިހާރު 3014 މެންބަރުން ތިބި އިރު، ޕީއެންސީގައި ތިބީ 3139 މެންބަރުން ކަމަށް އީސީން ބުނެއެވެ.

ހުރިހާ ޕާޓީތަކަށް ބަލާއިރު، އެންމެ ގިނަ މެންބަރުން ތިބި ތިން ޕާޓީއަކީ އެމްޑީޕީއާއި، ޕީޕިއެމް އާއި ޖޭޕީއެވެ. އެމްޑީޕީގައި 58،035 މެންބަރުން ތިބި އިރު، ޕީޕީއެމްގައި ތިބީ 38،831 މެންބަރުންނެވެ. އަދި ޖޭޕީގައި ތިބީ، 22،705 މެންބަރުންނެވެ.

ދެން ހުރި ޕާޓީތަކަށް ބަލާއިރު، އެމްޑީއޭގައި 10،227 މެންބަރުން އެބަތިއްބެވެ. އެމްއެންޕީގައި 9،729 މެންބަރުން އަދި އަދާލާތުގައި 9595 މެންބަރުން އެބަތިއްބެވެ.

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން މޯލްޑިވްސް ރީޕޯމް މޫވްމަންޓް (އެމްއާރްއެމް) އިން 3000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ނޯޓިސް ދީފައިވެއެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމްއާރްއެމުން ވަނީ 3000 މެންބަރުން ހަމަކޮށް އީސީއަށް ފޯމް ހުށަހަޅާފައިވާ ކަން 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައި ވެއެވެ. އެމްއާރްއެމުން ބުނެފައި ވަނީ 3100 މެންބަރުން ހަމަކޮށް ފޯމް ހުށަހެޅީ އޮންލައިންކޮށް ކަމަށެވެ.

އެމްއާރްއެމަށް ދީފައިވާ މުއްދަތުގައި ފޯމް ހުށަހެޅިކަމަށް ބުނި ނަމަވެސް އަދިވެސް 3000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އީސީން އެ ޕާޓީ އުވާލަން ނިންމާ މިދިޔަ މެއި މަހުގެ 24 ގައި އިއުލާން ކުރިއެވެ. މި ނިންމުމާ ގުޅިގެން އެމްއާރްއެމުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އީސީން އެ ޕާޓީ އުވާލަން ނިންމާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަވެފައި ވަނިކޮށް ކަމަށާއި އެ ނިންމުން ބާތިލްކޮށް ދިނުމަށް އެދޭ ކަމަށް ބުނެއެވެ. އަދި އީސީގެ އެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް އެމްއާރްއެމުން އެދުނު ގޮތަށް، އީސީ އިން ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރުކުރިއެވެ. އެއާއެކު ސިވިލް ކޯޓުން ކުރި އަމުރު މުރާޖައާކުރުމަށް ހައި ކޯޓަށް ހުށަހެޅުމަށް، އީސީން ވަނީ ނިންމާފައެވެ.