ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ޑޮން" ގެ ތިން ވަނަ ބައެއް ގެނެސްދޭން އުޅޭއިރު މި ފިލްމުގެ ލީޑު އެކްޓަރަކީ ރަންވީރު ސިންހް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކުރިން ރިޕޯޓްތައް ބުނީ މި ފިލްމުގެ ލީޑު ތަރިއަކީ ކުރީ ދެ ފިލްމު ވެސް ކުޅުނު އެކްޓަރު ޝާހްރުކް ހާން ކަމަށެވެ. ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމު މި ފަހަރު ކުޅޭނީ ރަންވީރު ކަމަށާއި އެކަން އަދި ރަސްމީކޮށް އިއުލާންނުކުރިނަމަވެސް ރަންވީރުގެ އުފަންދުވަހު އެ ވާހަކަ އިއުލާންކުރާނެ ކަމަށެވެ. ރަންވީރުގެ އުފަންދުވަހަކީ މި މަހުގެ ހަވަނަ ދުވަހެވެ. މީގެ ކުރިން ފިލްމުގެ ޓީމުން ބުނީ ފިލްމުގެ ތިންވަނަ ބައިންވެސް އެކްޓަރު ޝާހްރުކް ޚާން ފެންނާނެކަމަށެވެ.
އެކްޓަރު އަދި ޑައިރެކްޓަރު ފަރްހާން އަޚްތަރު 2006 ވަނަ އަހަރު ޑޮން ގެ ފުރަތަމަ ފިލްމެއް އާންމުންނާ ހަމައަށް ގެނެސްދިން އިރު އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ފިލްމުގެ ދެވަނަ ބައި 2011 ވަނަ އަހަރު ޝާހު އާއެކު ގެނެސްދިން އިރު މި ފިލްމުގެ ތިން ވަނަ ބައެއް މި އަންނަނީ 11 ވަރަކަށް އަހަރުފަހުންނެވެ. ކުރީ ދެ ފިލްމުގެ ލީޑު ރޯލު ޝާހު ކުޅެފައި މި ފަހަރުގެ ފިލްމު ރަންވީރު ކުޅޭ ހަބަރަކީ ގިނަ ބަޔަކަށް ކަމުދިޔަ ހަބަރެއް ނޫނެވެ. ސަބަބަކީ ޝާހު ފަދަ މޮޅު ތަރިއެއްގެ މަދުކަން ފިލްމުން އިހުސާސްވާނެތީއެވެ. ޑޮން އަކީ ބޮޑު ކާސްޓަކާއެކު ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި މީގެ ކުރިން ހަރަކާތްތެރިވި ތަރިންގެ ތެރޭގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ، ކަރީނާ ކަޕޫރު، އިޝާ ކޮޕިކަރު، ބޮމަން އިރާނީ، އަރުޖުން ރާމްޕަލް އަދި ޕަވަން މަލްހޯތްރާ ހިމެނެއެވެ.
ކުޅަދާނަ އެކްޓަރު ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ބަތަލާ އާލިއާ ބަޓް އާއެކު ކުޅުނު ފިލްމު "ރޮކީ އޮރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. މި ފިލްމުގެ ޓީޒާ އަކާއި ލަވަ އެއް މިހާރު އާންމުކޮށްފައިވާއިރު މި ފިލްމުގެ ޓްރެއިލާ މި ހަފްތާ ތެރޭ ރިލީޒްކުރާނެއެވެ.